ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގުމުން، ފެނަކައިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ފެނަކައިގެ މައްޗަށް އެ އެންގުން އިންފޮމޭޝަން ކޮމިޝަނަރު އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް ފެނަކައިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ކުރި ހުކުމުގައިވަނީ ފެނަކައިން ފައިސާ ދައްކަންޖެހޭ އެހެން ކުންފުނިތަކުގެ ނަންތަކާއި ތަފްސީލުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ނުކުރެވޭނެ މައުލޫމާތެއް ކަމަށް ފެނަކައިން ބުންޏަސް، އެ މައުލޫމާތު ހާމަ ކުރުމުގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ވިޔަފާރިއަށް ގެއްލުންތަކެއް ވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ މައުލޫމާތު އާންމު ކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފް ކަމަކަށް ވާނެކަން ފެނަކައަށް ބުނެ ނުދެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެނަކައިގެ ދަރަނީގެ މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.