ads
ފޮޓޯ: އެމްޑީޕީ
އަނެއްކާވެސް މަގުތައް ނާމާން ވެއްޖެ: އެމްޑީޕީ
މީގެ ކުރިންވެސް ޕީޕީއެމް ސަރުކާރުގައި މަގުތައް ނާމާންވިކަމަށާއި އަނެއްކާވެސް މިދިޔަ ނޮވެމްބަރު މަހު ސަރުކާރާ ހަވާލުވި ފަހުން މަގުތައް ނާމާވެފައިވާކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފި އެވެ.

މާރަމާރީތައް އިތުރުވެފައި ވަނިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ އެ ޕާޓީން ކަންބޮޑުވާކަމެއް ކަމަށެވެ.

ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން  ގައިމު ނުކުރެވުމަކީ އެޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީއިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭނެކަމަސް އެ ބަޔާނުގައި ފާހަގަކޮށްފަވެއެވެ. 

"މާޒީގައިވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށެވެ. ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔައެވެ. މި ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުންނެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.



މިއަދާ ހަމައަށްވެސް ފުލުހުންގެ ކޮމިޝްނަރެއް ކަނޑައަޅައިފައިނުވާކަން ފާހަގަކޮށް އެމްޑީޕީން ބުނީ، އެއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެއް ކަމަށެވެ.

 ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް އެޕާޓީއިން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރުކަމަށާއި އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށް ބުނެފަވެއެވެ.
"ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މި ޕާޓީން ގޮވާލަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށެވެ." އެމްޑީޕީއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް