
ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާސަންދަ އާ ގުޅޭގޮތުން ތިން ކަމަކަށް މި ސަރުކާރުން ވައުދުވެފައިވާކަން ފާހަގަކުރައްވައި، އެ ކަންކަމާ ގުޅޭ ތަފްސީލު ރައީސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި އެވެ.
އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރައީސް ވިދާޅުވީ ބަލިޖެހުމުގެ ކުރިން އެ ބަލިން ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ. ރައީސް ވިދާޅުވެފައި ވަނީ އާސަންދައިގެ ތެރޭގައި ހިމެނޭ ހިދުމަތެއް ގޮތުގައި މެޑިކަލް ޗެކްއަޕް ފޯރުކޮށްދީ، އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. ހަމަ އެ އާއެކު އެކި އުމުރުފުރަޔަށް ބަހާލައިގެން އެކި ކަހަލަ ޕެކޭޖުތައް ކަނޑައަޅައި އިއުލާން ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ޑޮކްޓަރުން ވަކި ކަމަކަށް ލަފާ ދީފި ނަމަ، އެ ދޭ ލަފާގެ މައްޗަށް އަހަރަކު ދެ ފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހެދޭނެ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ކަންކަމުގެ ސަބަބުން ގައުމުގައި ފެތުރޭ ގައިންގަޔަށް ނާރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި ރައްކާތެރި ގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންކުރުމަށް އެހީތެރިވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އާސަންދަ އާ ގުޅޭ ދެވަނަ ވައުދެއްގެ ގޮތުން އާސަންދައިގެ ތެރެއިން ރާއްޖޭން ބޭރު ގައުމެއްގައި ފަރުވާ ހޯދުމުގައި ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލަކަށް ބަދަލުވާއިރު އަމިއްލައަށް އިތުރަށް ކުރަން ޖެހޭ ހަރަދުތައް އާސަންދައިގެ ތެރޭގައި ހިމެނުމަށް ނިންމަވާފައިވާކަން ރައީސް ހާމަ ކުރެއްވި އެވެ. އަދި މިކަން ކުރައްވާނެ ގޮތުގެ ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އާސަންދަ ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހިމަނާފައިވާ ބޭރުގެ ހޮސްޕިޓަލުތަކުގެ ފެންވަރު ވަޒަންކުރާނެ ގްރޭޑިން ނިޒާމެއް ކަނޑައަޅުއްވާނެ ކަމުގަ އެވެ. އަދި ބަލިމީހާ ބޭނުންވާ ހާލަތެއްގައި އެއްގްރޭޑުގައި ހިމެނޭ ހޮސްޕިޓަލް އަނެއް ގްރޭޑުގައި ހިމެނޭ ހޮސްޕިޓަލަކަށް ބަދަލުވެގެންދާއިރު، އިތުރަށް އަމިއްލައަށް ދައްކަން ޖެހޭ ފައިސާ އާސަންދައިން ހަމަޖެހިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އާސަންދަ އާ ގުޅޭ ތިންވަނަ ވައުދެއް ކަމުގައި ރައީސް ފާހަގަކުރައްވާފައި ވަނީ ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިންމެވުމެވެ.
އަދި ދަރިމައިވުމުގެ ފަރުވާ ހިމެނޭ ގޮތަށް އާސަންދަ ސްކީމުގެ ގަވާއިދު އިސްލާހުކޮށް ގެޒެޓުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެ އާއެކު އެކަމަށް އުސޫލެއް އެކުލަވާލައި އެކަންވެސް އިއުލާން ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުންވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި ރާއްޖޭން ބޭރުގައި ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ހިދުމަތް ލިބޭނެ ހޮސްޕިޓަލުތައް ކަޑައެޅިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދަރިމައިވުމުގެ ސިއްހަތަށް ހާއްސަ ފާޓިލިޓީ ކެއާއަށް ހާއްސަކޮށް މިހާރު އައިޖީއެމްއެޗްގައި ހުރި މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، މިފަދަ އިތުރު މަރުކަޒެއް ގާއިމު ކުރެވިގެންދާނެ ކަމުގަ އެވެ. އަދި ދަރިމައިވުމުގެ ސިއްހަތަށް ހާއްސަ ފާޓިލިޓީ ކެއާ ފަންޑެއް ސަރުކާރުގެ ބަޖެޓުން ގާއިމު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.