ads
މެޑަމް ސާޖިދާ - ފޮޓޯ ސަން
ފަސްޓްލޭޑީގެ ވަޒީފާގެ މައްސަލަ ބޮޑުވެ ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފަސްޓް ލޭޑީ އަށް ވަޒީފާގައި ދެމިހުންނެވުމަށް ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ އެ ކޮމިޝަން މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ފަސްޓްލޭޑީ އެމްއެފްޑީއޭގެ ވަޒީފާގައި ހުންނަވަން ބޭނުންފުޅުވާތީ އެކަމަނާއަށް ވަކި މަގާމެއް އުފައްދައި އެ ވަޒީފާ އަދާކުރެވޭ މާހައުލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން ޝަކުވާ ކުރަމުންދާ ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން ސީއެސްސީގެ މެންބަރުންނާ ބައްދަލުކުރުމަށް ކޮމިޓީއަށް ފެންނަ ނަމަ އެ މަސައްކަތައިގެން ކުރިއަށްދިޔުމާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް އެ ޝަކުވާތައް ހިއްސާކުރެއްވީ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

އެހެންކަމުން އެ މައްސަލަ އެ ކޮމިޓީން ބެލުމަށް އޭނާ ވަނީ މިއަދުގެ ބައްދަލުވުމުގައި ހުށަހަޅާފައެވެ. އަދި މި ހުށަހެޅުމަށް ކޮމިޓީން ނިންމީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ސުވާލުކުރުމަށެވެ.

"ސާޖިދާ ސީއެސްސީގެ ވަޒީފާގައި ހުންނަން ބޭނުންވާތީ, ފަސްޓް ލޭޑީއަށް ފިޓުވާގޮތަށް މިއިން ދުވަހަކުވެސް މީގެ ކުރީގައި ސީއެސްސީން އަމަލު ނުކުރާ ގޮތަށް މަގާމެއް އުފައްދާ, އެ މަގާމުގައި ވަޒީފާ އަދާކުރެވޭނެ ގޮތަށް މާހައުލު ގާއިމުކޮށް, އެ މަސައްކަތް ސީއެސްސީން ކުރަމުންދާތީ އެކަމުގެ ނުރުހުން ވަރަށް ގިނަ ސިވިލް ސާވެންޓުންގެ މެދުގައި އޮތަތީ [މި މައްސަލަ އަޅުގަނޑު މި ހުށަހަޅަނީ]" މައްސަލަ ހުށަހަޅުއްވަން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުالله ވިދާޅުވި އެވެ.

ޔައުގޫބުގެ މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ ތާއީދުކުރައްވާފަ އެވެ. މި ހުށަހެޅުމަށް ތާއީދުކޮށް އަހުމަދު އަބްދުﷲ ވިދާޅުވީ ފަސްޓް ލޭޑީއަށް ހާއްސަ ގޮތެއް ހަމަޖައްސައިދެނީ ސީއެސްސީން ޤާނޫނީ އިމުގެ ތެރެއިން ގާނޫނާ އެއްގޮތަށްތޯ ކޮމިޓީން ލިޔުމުން ވިޔަސް ސާފު ކުރަން ޖެހޭ ކަމަށެވެ.

ސީއެސްސީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މުޅިން ވެސް އެމްޑީޕީގެ މެންބަރުން ހާޒިރުވެ ތިއްބެވި ކޮމެޓީގެ އިއްތިފާގުން ނެވެ.

މި ނިންމުމާއެކު ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ދެން އެންމެ އަވަހަށް ކޮމިޓީ ބޭއްވޭނީ އަންނަ ހޯމަ ދުވަހު ކަމަށާއި އެ ދުވަހު ސީއެސްސީގެ މެންބަރުންނަށް ވަޑައިގެންނެވެން އޮތް ނަމަ އެކަން ތާވަލުކުރައްވާނެ ކަމަށެވެ.

މެޑަމް ސާޖިދާއަކީ މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. އަދި ރާއްޖޭގައި އެ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ އެކަމަނާ އެވެ.

ރައީސް ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ވެސް މެޑަމް ސާޖިދާ ގެންދަވަނީ, ސީއެސްސީގެ ވަޒީފާ އަދާ ކުރައްވަމުންނެވެ. މީގެ ކުރިން ދެއްވި ބައެއް އިންޓަވިއުތަކުގައި މެޑަމް ސާޖިދާވަނީ ސިވިލް ސާވިސް ވަޒީފާގައި ދެމި ހުންނަވައި ހިދުމަތްކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ.

ފަސްޓް ލޭޑީގެ މަގާމަކީ ރަސްމީ ވަޒީފާއަކަށް ނުވާތީ, ފަސްޓް ލޭޑީ ސީއެސްސީގެ ވަޒީފާގައި ދެމިހުރުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ސީއެސްސީން ލިޔުމުން ސާޖިދާއަށް އެންގެވިކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް