މިކަމާ ގުޅިގެން އެމްޓީސީސީގެ މީޑިއާ އޮފިޝަލް މައިލާން "ސީއެންއެމް" އަށް ވިދާޅުވީ މި އެކައުންޓަކީ ސީއީއޯކަން ކުރައްވާ ބޭފުޅާއަށް ހާއްސަ ކުރެވިގެން އެ ކުންފުނިން ހަދާފައިވާ އެކައުންޓެއް ކަމަށެވެ.
މައިލަން ވިދާޅުވެފައި ވަނީ މި އެކައުންޓް ވާނީ އެމްޓީސީސީގެ ސީއީއޯގެ އިރުޝާދުގެ ދަށުން ބަލަހައްޓާ އެކައުންޓަކަށް ކަމަށެވެ. އަދި މި އެކައުންޓުގައި ހިއްސާ ކުރެވޭނީ އެ ކުންފުނީގެ ސީއީއޯގެ ހައިސިއްޔަތުން ހާމަކުރައްވާ ހާމަކުރެއްވުންތައް އެކަނި ކަމަށެވެ. މުސްތަގުބަލުގައި ދެން އަންނަ ކޮންމެ ސީއީއޯއަކަށް މި "އެކްސް" ހޭންޑަލް ބޭނުން ކުރެވޭނެ ކަމަށްވެސް މައިލަން ވިދާޅުވި އެވެ.
މައިލަން ވިދާޅުވި ގޮތުގައި މިފަދައިން ވަކި އެކައުންޓެއް ހެދުމުގެ ބޭނުމަކީ އެއިރެއްގެ މަގާމުގައި ހުންނަވާ ސީއީއޯގެ ޕާސަނަލް އެކައުންޓުގައި ކުންފުންޏާ ބެހޭ މައުލޫމޫތު ހިއްސާކުރުމުގެ ބަދަލުގައި އޮފިޝަލް އެކައުންޓަކުން ކުންފުނީގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުން ކަމުގަ އެވެ.
މީގެ އިތުރުން މައިލަން ވިދާޅުވީ މިކަމުގެ ސަބަބުން އެމްޓީސީސީގެ ތާރީހެއް ދެމެހެއްޓޭނެ ކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދީ ވަކި އުސޫލުތަކެއްގެ މަތިން ދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މައިލަން ވިދާޅުވި ގޮތުގައި އާންމުންގެ ތެރޭގައި ދަމަހައްޓަން ބޭނުންވާ ރީތި ތަސްވީރު ނުވަތަ "އިމޭޖް" ދެމެހެއްޓުމަށްވެސް ފަސޭހަތަކެއްވާނެ ކަމުގަ އެވެ.
މިފަދައިން ސީއީއޯއިންނަށް "އެކްސް" ހޭންޑަލް ހެދުމަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގައި ވަރަށް އާންމު ކަމެކެވެ. އަދި މިހާތަނަށް ރާއްޖޭގައި ސީއީއޯއަށް ވަކިން މިފަދަ އެކައުންޓެއް ހަދާފައެއް ނުވެ އެވެ.