ads
ޕީޕީއެމް-ޕީއެންސީގެ ސެނެޓު ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ލީޑަޝިޕުން އެކަކުވެސް މަދެއް ނުވޭ، މެމްބަރުން ޕީއެންއެފްއަކަށް ނުވެސް ދާނެ:އަދުރޭ
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އެކަކުވެސް މަދުނުވާ ކަމަށާއި، އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވަން އުޅޭ ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ނުވެސް ދާނެ ކަމަށް ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
Advertisement

އަދުރޭ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ކުރިއަށްދާނެ ގޮތަކާބެހޭ ގޮތުން ގޮތް ނިންމަން މިރޭ ބޭއްވި ސެނެޓު ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ނެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އެކަހެރިވެ ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރުމަކީ ޕީޕީއެމް/ޕީއެންސީގެ ކުރިމަގަށް ކިހާވަރެއްގެ ގޮންޖެހުމެއްތޯ ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ، އެ ކޯލިޝަންގެ ލީޑަޝިޕުން އެއްވެސް ބޭފުޅަކު މަދުނުވާ ކަމަށެވެ.

”އަޅުގަނޑުމެންގެ ލީޑަޝިޕުން އަދި ހަމަ އެކަކު ވެސް މަދެއް ނުވޭ އެނގޭތޯ. ރައީސް ޔާމީން އަމިއްލަފުޅަށް އަޅުގަނޑުމެންގެ ޕާޓީ، ޕީޕީއެމް ދޫކުރައްވާ ވަޑައިގަތީ. ދެން ތިއްބެވި ހުރިހާ ލީޑަރުން އަދިވެސް މިތިބީ. އެހެންވީމަ ލީޑަޝިޕަށް އެއްްވެސް އުނިކަމެއް ނާދެ،“ އެ ޕާޓީގެ ކުރީގެ ލީޑަރު ޔާމީން ނެތުމަކީ ލިބޭ އުނިކަމެއް ނޫންކަމަށް ސިފަކުރައްވާ އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވެސް އެ ޕާޓީން ނިކުންނަނީ ވާދަވެރިން ނުތިބޭނެ ކަމަށް ބަލައިގެން ނޫންކަމަށާއި، ނިކުންނަނީ ވާދަވެރިންވެސް ތިބޭނެ ކަމަށް ބަލައިގެން އެ މީހުންނާ ވާދަ ކުރުމަށް ކަމަށެވެ. 

މަޖިލިސް އިންތިހާބަށްފަހު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން، ޔާމީން އުފައްދަވާ ޕީއެންއެފްއަށް ނުދާނެ ކަމުގެ އޮތީ ކިހާ ބޮޑު ޔަގީންކަމެެއްތޯ ސުވާލު ކުރުމުން ވެސް އަދުރޭ ވިދާޅުވީ، އެއްވެސް މެމްބަރަކު ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

”ނުދާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ. އެޔަށްވުރެ މާ ސާބިތުކޮށް މިތިބީ.“ ކުރުކޮށް ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.

ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތީ އެ ޕާޓީން ބާކީކޮށްލާފައިވާ ކަމަށް ބުނެ އެވެ. އެޔަށްފަހު ޕީއެންއެފްގެ ނަމުގަައި އާ ޕާޓީއެއް އުފެއްދުމަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުން ނެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ވިދާޅުވާ ގޮތުން ޕީޕީއެމްގެ މެމްބަރުން ވެސް ދަނީ ޔާމީންގެ އާ ޕާޓީއާ ގުޅެން ބޭނުންވާކަން ހާމަކުރަމުން ނެވެ. އަދި ޕީއެންސީގެ ބައެއް މެމްބަރުންވެސް އެ ޕާޓީއާ ގުޅިފައި ވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް