މިރޭ އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މަގުބޫލު ސިޔާސީ ލީޑަރުކަމަށެވެ.
ޔާމީން އުފައްދަވާ ޕާޓީ ޕީއެންއެފްއަށް މިވަގުތުވެސް ރާއްޖޭގެ އެކި ރަށް ރަށުން މެމްބަރުން ގުޅިވަޑައިގަންނަވަމުން އެބަދާކަމަށް މަލީހު ވިދާޅުވި އެވެ.
ހުރިހާ ރަށެއްގެ ފޯމްތައް އަދި މާލޭގައި ހުންނަ މައި އޮފީހަށް ލިބިފައި ނުވާތީއާއި އަދި އައުމުގެ މަގުމަތީ ބައެއް ފޯމްތައް ވާތީ އިލެކްޝަނަށް ފޯމް ހުށަހެޅުން ފަސްކުރެވިފައިވާކަމަށް މަލީހު ވިދާޅުވި އެވެ.
އޭގެ އިތުރުން މަލީހު ވަނީ އީސީގެ އޮންލައިން ޕޯޓަލް އެކްސެސް އަދި ލިބިފައިނުވާތީ ހުރިހާ ފޯމެއްގެ ފިޒިކަލް ކޮޕީ އީސީއަށް ހުށަހަޅަން ޖެހޭކަމަށް ވިދާޅުވެފައެވެ.
ޕީއެންއެފް އިން މެމްބާޝިޕް ފޯމުތައް ހުށަހެޅުން ފަސްކޮށްފަވަނީ އެ ޕާޓީއަށް އެކަށީގެންވާ މިންވަރަށް މީހުން ސޮއިކޮށްފަ ނުވާތީކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޕީއެންއެފްގެ ފޯމުތައް އީސީއަށް ހުށަހެޅުން ފަސްކޮށްފަވާއިރު މިރޭ އޮތް ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ، އެއްވެސް މެމްބަރަކު ޕީއެންއެފްއަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.