
މި އެކަޑަމީ އާއި ޓްރަސްޓް ފަންޑު އިފްތިތާހުކޮށްދެއްވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި އެކަޑަމީގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަނާއި، އިގުތިސޯދީ ކުށްތައް ތަހުގީގުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމެވެ.
ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނަށް މައުލޫމާތު ދީ، އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް މި އެކަޑަމީން ކުރާނެ އެވެ.
އޭސީސީން ބުނީ އެކެޑެމީ ފަށާއިރު، ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައްކަމަށެވެ. އަދި މުސްތަގުބަލުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެންގޮސް މާސްޓަރސް ލެވެލް އާއި ހަމައަށް ކިޔަވާދެވޭނެ ކަމަށް ވެސް އޭސީސީ އިން ބުނެ އެވެ.
މިއެކަޑަމީ ހިނގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ހުއްދަ ލިބިފައިވާއިރު، އެ އެކަޑަމީ ހިންގުމަށް އެހީތެރިކަން ހޯދުމަށް މިހާރުވަނީ މެލޭޝިޔާގެ އެންޓި ކޮރަޕްޝަން އެކަޑަމީއާއެކު އެމްއޯޔޫއެއްވެސް ގާއިމުކޮށްފަ އެވެ.
މިއެކަޑަމީ އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2007 ވަނަ އަހަރު އދ.ގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއާހަދާގައި ބައިވެރުވުމަށްފަހު މިވީ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާކަމަށެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކުޑަ، ބޮޑު ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފަ އެވެ.
ކޮރަޕްޝަނަކީ ދިވެހިންގެ ރާއްޖެއަށް ބީރައްޓެހި އެއްޗެއް ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހަށް ބަލާއިރު ވެސް އެކަން ފެނިގެންދާ ކަމަށެވެ. އެގޮތުން، އިބްނު ބަތޫތާގެ ލިޔުއްވި ފޮތުން ދިވެހިންގެ ހަރުދަނާކަމާއި ފަނޑިޔާރުގެ މިނިވަންކަން އެނގިގެންދިޔަ ކަމަށް ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާނެ ޓްރަސްޓް ފަންޑެއްވެސް ގާއިމުކުރައްވާ އިފްތިތާހުކުރައްވާފަ އެވެ. ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ތަހުގީގުތަކާއި ކުރިއަށްގެންދާ ތަމްރީނުތަކަކީ ދައުލަތުގެ ބަޖެޓުގެ އެހީއާއި ނުލައި މިނިވަންކަމާއެކު ހުއްޓުމަކަށްނައިސް ކުރިއަށްގެންދެވޭ ކަންކަމަށް ހެދުމަކީ މި ޓްރަސްޓް ފަންޑުގެ މައިގަނޑު މަގުސަދުކަމަށް އޭސީސީން ބުނެއެވެ.
ދުނިޔޭގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބެލުމަށް ކޮންމެ އަހަރަކު އާންމު ކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ރޭންކިންގެ ނިމުނު އަހަރު ރާއްޖެ ވަނީ 10 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.