
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ގާޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 17177 އަށް އަރާފަ އެވެ. އަދި ނަސްލެއް ނައްތާލުމުގެ އަމާޒުގައި ޔަހޫދީ ހައްދުފަހަނަ އަޅައިފައިވާ ސިފައިން ދެމުން އަންނަ ހަމަލާތަކުގައި އެކިވަރުގެ ޒަހަމްތައްވި މީހުންގެ އަދަދު ވަނީ 46000 އަށް އަރާފަ އެވެ.
ގާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން އަންނަނީ ޔަހޫދީ އިސްރާއީލުން ގާޒާގައި ދެމުންގެންދާ ލާއިންސާނީ އަމަލުތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަކަމުގެ އިންޒާރު ދެމުންނެވެ.
ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 10000 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ދަނީ ސްކޫލުތަކާއި, މިސްކިތްތަކާއި, ފައްޅިތަކާއި, ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލްތަކަށް ވެސް ބޮން އަޅަމުންނެވެ. ގާޒާއަށް އެހީ ފޯރުކޮށްދޭން ހުރި ހުރިހާ މަގެއް އިޒްރޭލުން ވަނީ ބަންދުކޮށްފަ އެވެ.
މި ސަބަބައްޓަކާއި ގާޒާގެ ގާތްގަޑަކަށް 1.9 މިލިއަން މީހުންގެ ގެދޮރު ދޫކޮށްލަން ވަނީ މަޖުބޫރުވެފަ އެވެ. މިއީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާޒާގެ ޖުމްލަ އާބާދީގެ 80 އިންސައްތަ މީހުންނެވެ.
ޔަހޫދީން ޝަހީދުކޮށްލައިފައިވާ ފަލަސްތީނުގެ އާއިލާއެއް؛ މިއީ އިންސާނީ ކަރިސާއެއް
ގެއްލުންތައް ލިބިފައިވާ 305000 ގެދޮރު ޔުނިޓުގެ ތެރެއިން 52000 ޔުނިޓް އެކީ ހަލާކުވެ، 253000 ޔުނިޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ގާޒާގައި އަންގާރަ ދުވަހު އޮތް ނޫސް ކޮންފަރެންސެއްގައި ހަމާސް ސަރުކާރުގެ މީޑިއާ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ 121 އިމާރާތަކާއި 69 ސްކޫލަކެއް އެކީ ހަލާކުވެފައިވާ ކަމަށާއި 275 ސްކޫލަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ހަމާސް އިން ބުނެފައިވެ އެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުގެ އެކަނި ވެސް ޔަހޫދީ އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި 350 އަށް ވުރެ ގިނަ މީހުން މަރުވެ 900 އެއްހާ މީހުން ޒަހަމުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. ނަމަވެސް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންގެންދާތީ، މަރުވެފައިވާ މީހުންގެ ހަށިތައް ގުނުން އުދަގޫވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.