ads
އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ސީއެސްސީ
އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އާއެކު ސިވިލް ސާވިސްގެ މަސައްކަތަށް ލުޔެއް
ދިވެހި ސިވިލް ސާވިސް (ސީއެސްސީ) ގެ މުވައްޒަފުންގެ ވަޒީފާ އާ ބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާ ކުރެވުނު "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" އިފްތިތާހުކޮށްފި އެވެ.

ސީއެސްސީގެ މުވައްޒަފުންގެ ވަޒީފާ އާ ބެހޭ މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުންދާ ސޮފްޓްވެއަ "ސީއެސްވިއުގަ" ގެ އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

ސީއެސްސީން ބުނީ އެ ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުހަލާތަކުގެ ތެރެއިން، މަގާމަކަށް އިއުލާނުކުރުމުން ފެށިގެން މަގާމަށް އެންމެ ގާބިލް މީހަކު ހޮވައި އައްޔަންކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން ގެންދިޔައީ މެނުއަލްކޮށް، ހާޑްކޮޕީ ބޭނުންކޮށްގެން ކަމަށެވެ. އެކަމުގެ ސަބަބުން ވަޒީފާއަކަށް އިއުލާނު ކުރުމާ ހަމައިން ފެށިގެން ވަޒީފާތަކަށް މީހަކު އައްޔަނުކުރުމާ ހަމައަށް އިދާރާތަކުން ބައެއް ފަހަރު އެކިއެކި ލިޔުންތަކުގައި ޖެހޭ ކުށްތަކުގެ ސަބަބުން އިއުލާނުތައް ބާތިލުކުރަން ޖެހޭ ހާލަތާވެސް ގިނަ ފަހަރަށް ކުރިމަތިވާ ކަމަށް ސީއެސްސީން ބުނެ އެވެ.

ސީއެސްސީން ބުނެފައި ވަނީ އެކަމުގެ ސަބަބުން މުވައްޒަފުން ކުރަން ޖެހޭ މަސައްކަތްތައް ބުރަބޮޑުވެ، ގިނަ ވަގުތުތަކެއް އެ މަސައްކަތުގައި ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި ވަޒީފާތަކަށް ކުރިމަތިލާ އާންމު ރައްޔިތުން ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އަލަށް ތައާރަފުކުރެވުނު އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލްގެ ތެރެއިން މައިއެކައުންޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް، އެ ފަރާތެއްގެ ވަޒީފާގެ މަރުހަލާތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ވަގުތުން ވަގުތަށް ދުވަހުން ދުވަހަށް ލިބޭނެކަން ފާހަގަކޮށް ސީއެސްސީން ބުނި ގޮތުގައި އެކަމުގެ ސަބަބުން ވަޒީފާގެ މަރުހަލާ ހިނގަމުންދާ ގޮތާއި މަރުހަލާ ގޮސްފައި އޮތް ހިސާބު ނޭނގިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިދާރާތަކަށާއި ކޮމިޝަނަށް ކުރަމުންދާ މުއާމަލާތުތައް މަދުވެ، އެ ކަމަށް އެ ފަރާތްތަކުން އުފުލަންޖެހޭ ދަތިއުދަނގޫތައް ހައްލުވެގެންދާނެ ކަމުގަ އެވެ.

އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އާއެކު، އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުހަލާތަކުގައި އާންމު ގޮތެއްގައި ހެދޭ ކުށްތައްވެސް މަދުވާނެ ކަމަށް ސީއެސްސީން ބުނެ އެވެ. އެ ކޮމިޝަނުން ބުނީ އިއުލާނު މެނުއަލްކޮށް ތައްޔާރުކުރުމުގައި މިހާރު އިދާރާތަކުން ހެދޭ ކުށްތައް ހެދުމުގެ ފުރުސަތު ކުޑަވެ، ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ދެނެގަތުމަށްޓަކައި ތައްޔާރުކުރެވޭ އ2ޭ ޝީޓްގެ ކަލްކިއުލޭޝަން ހެދުމުގައި އިދާރާތަކުން ހެދޭ ކުށްތަކުގެ ފުރުސަތު މި މޮޑިއުލް އާއެކު ކުޑަވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމުގެ ޔަގީންކަން އިތުރުވެ، އިއުލާނުތައް ބާތިލްކުރަން ޖެހޭ މިންވަރު މަދުވުމުގެ އިތުރުން ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ތައުލީމީ ސަނަދާއި ތަޖުރިބާގެ ލިޔުންތައް ސިސްޓަމަށް އެޅުމަށްފަހު، އޭގެ ފަހުން ކުރިމަތިލާ އެހެން ވަޒީފާތަކަށް ކުރިމަތިލުމަށް އަލުން އެ ލިޔުންތައް ސިސްޓަމަށް އަޅަންނުޖެހި، މަސައްކަތް ވަރަށް ބޮޑަށް ލުއިވެ، އެ ކަމަށް ހޭދަކުރަން ޖެހޭ ވަގުތު ސަލާމަތްކުރެވިގެން ދާނެ ކަމަށް ސީއެސްސީން ބުނެ އެވެ.

ސީއެސްސީން ބުނެފައި ވަނީ މިއީ ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ކުރިމަގުގައި މި މޮޑިއުލް އިތުރަށް ތަރައްގީކުރެވި ސިސްޓަމުގެ ތެރެއިން އިމްތިހާނުކުރެވޭ ގޮތާއި އިންޓަވިއު ޕެނެލް އެކުލަވާލުމުގެ ކަންތައްތައް އޮޓޮމެޓިކުން ހަމަޖެހޭނެގޮތާއި އަދިވެސް މި ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް