އެމްޓީސީސީން ބުނީ ޕަބްލިކް ބަސް ޓްރާންސްޕޯޓޭޝަންގެ ހިދުމަތަކީ ރައްޔިތުންނަން ފަސޭހަ އަދި ހަރަދު ކުޑަކޮށް ދަތުރުފަތުރުކުރުމުގެ މަގުފަހިކޮށްދިނުމަށް އެ ކުންފުނިން ދޭ ހިދުމަތެއް ކަމަށެވެ. އަދި އެންމެންނަށް ހިދުމަތްދޭ މި ބަސްތަކުގެ ސީޓުތަކުގައި ލިޔެ ކުރަހާ ހެދުމަކީ ދަށުދަރަޖައިގެ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ބަހުން ހިދުމަތް ލިބިގަންނަ ކުޑަކުދިންނަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.
މީގެ އިތުރުން ބަހުގެ ތެރޭގައި ކެއިންބުއިމާއި ބަހުގެ ތެރެއަށް ކުނި ނޭޅުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާާސްކޮށްފަ އެވެ. އެގޮތުން ބަސްތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ ބަހުން ދަތުރު ކުރާ ފަރާތްތަކަށް އޭގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން ކަނޑައެޅިފައިވާ ޑަސްބިނަށް ކުނި އެޅުމަށް ސަމާލުކަން ދެއްވުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ހުރިހާ ފަރުދުން އަތުގުޅާލައި ތަހުޒީބު މުޖުތަމައެއްގެ ގޮތުގައި އެފަދަ ނޭދެވޭ ކަންކަން މަނާކޮށް، ސާފުތާހިރު އަދި ހިތްހަމަޖެހޭ ވެއްޓެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ ގޮވާލާފަ އެވެ.