މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްކިރުމަށްފަހު ވަގުތުން ފައިސާ ނުލިބުމަކީ މަސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގައި މަސްވެރިންނަށް 200 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށާއި މިހާރު އޭގެ ތެރެއިން 136 މިލިއަން ރުފިޔާ ދީފައި ވާނެ ކަމަށެވެ. މަސްވެރިން އެދޭ ގޮތަކީ މަސްކިރުމަށްފަހު ވަގުތުން ފައިސާ ލިބި އަނެއްކާވެސް މަހަށް ފުރައިގެން ދިއުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެންމެ ކުރީއްސުރެވެސް ރާއްޖޭގައި އިސްކަން ދެވިފައި އޮތީ ކަނޑުމަހުގެ މަސްވެރިކަަމަށް ކަމަށާއި މިކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. ފަރުމަސްވެރިކަން ކުރާ ފަރާތްތަކާއި ސްޕޯޓްސް ފިޝިންގައި އުޅޭ ފަރާތްތަކުގެ އިތުރުން އެހެނިހެން ބާވަތުގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ޝަކުވާ މިކަމުގެ ސަބަބުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް ކުރިއެރުވުމަށް ވުޒާރާގެ ކަންކަން ބަދަލުކޮށް މަސްވެރިކަމުގެ ދާއިރާއަށް ދެވޭ ސަމާލުކަން އިތުރުކޮށް މަންފާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުވިގެން ދާނެ ކަމުގަ އެވެ. އަދި ހަމައެހެންމެ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.