ރައްޔިތުންގެ މަޖިލިހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވާ ގޮތުގައި، މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖެއަށް ބޭރު ފައިސާ ވައްދަމުންދާ މުހިންމު އެއް ސިނާއަތް ކަމުގަ އެވެ. އަދި މި ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންނަކީ މަސްވެރިކަމުގެ ވިޔަފާރިކޮށް، މަސް އެކްސްޕޯޓްކޮށް ގައުމުގެ އިގުތިސޯދަށް ބޭރު ފައިސާ ވެއްދުމަށް އާމްދަނީ ހޯދާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސްވެރިންނާއި މަސައްކަތްތެރިންނަކީ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކު ކަމުގަ ބުނެފައިވެ އެވެ. އަދި ހާއްސަކޮށް ސަރުކާރުގެ މަސް ކުންފުނި ކަމުގައިވާ މިފްކޯގެ މުވައްޒަފުންނަކީ މަސްވެރިކަމުގެ ސިނާއަތަށް ހުއްޓުމެއްނެތި 24 ގަޑިއިރު ހިދުމަތް ކުރަމުންދާ ބައެއް ކަމަށް ގަރާރުގައިވެ އެވެ. އެހެންކަމުން މިފްކޯގެ މުވައްޒަފުންގެ މުސާރައިގެ 60 އިންސައްތަ ޑޮލަރުން ދިނުމަށް އެ ގަރާރުގައި ހުށަހަޅާފައިވެ އެެވެ.
މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންގެ ޒަރޫރީ ބޭނުންތަކަށް ރާއްޖޭން ބޭރުން ހޯދަން ޖެހޭ ހިދުމަތްތައް ހޯދުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހުމަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އަދި މިކަމަކީ މަސްވެރިންގެ ހިދުމަތުގެ އަގުވަޒަން ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ އޮޑި ދޯނި ފަހަރަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގަތުމަށާއި މަސް ފިނިކުރުމަށް ބޭނުންވާ އެސްޑަބުލިއު ސިސްޓަމްތަކާއި އެކަމާ ގުޅޭ މެޝިނަރީޒް ގަތުމުގެ އިތުރުން މަސްދޯނި ފަހަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ފަދަ ރާއްޖޭން ބޭރުން ގަންނަން ޖެހޭ ތަކެތި ގަތުމަށް ބޭނުންވާ ޑޮލަރު، މިފްކޯ ނުވަތަ ބޭންކު މެދުވެރިކޮށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ކަމެއް ކަމަށެވެ.