ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ވިދާޅުވީ ބަންކަރިން ހިދުމަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު މި އެޑްމިނިސްޓްރޭޝަނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް - ފޮޓޯ:ރައީސް އޮފީސް
ބަންކަރިން ހިދުމަތުގެ އެއްބަސްވުން ރިވިއު ކުރަނީ
އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމެއް އޮތް ނަމަވެސް، އެކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ދޭން އެއްބަސްވެފައި ވަނީ ގަތަރުގެ ކުންފުންޏަކާއި އެސްޓީއޯ އާ ދެމެދުގައި ކަމަށެވެ. އެ އެއްބަސްވުން އަދި ކުރިއަށް ދާ ކަމުގައި ސައީދު ވިދާޅުވި އެވެ.

"އެ އެމްއޯޔޫގައި ސޮއި ކުރީ އެސްޓީއޯ އާއެކު. އެއްވެސް މަސައްކަތެއް ހުއްޓާލާފައެއް ނުވާނެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ގޮތަކީ ކޮބައިތޯ، އޭގައި އަދި ސަރުކާރުން ގޮތެއް ނުނިންމާ. އެމްއޯޔޫ ހަމަ އެކްޓިވް ކަމަށް މައުލޫމާތު ލިބިފައި އޮތީ،" - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން އޭރު ބުނެފައި ވަނީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިންމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުން ކަމަށެވެ. އެގޮތުން ސޮއި ކުރެވުނު އެމްއޯޔޫއަކީ އެ ކުންފުންޏާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

ސައީދު ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް ބެލުމަށް އެއްބަސްވުން ރިވިއު ކުރަމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ. އެ އެއްބަސްވުމަކީ ބަންކަރިން ހިދުމަތް ދިނުމަށް އެކަން ކުރެވިދާނެތޯ ބެލުމުގެ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގުބޯޓު ދަތުރުކުރި ނަމަވެސް އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ ގޮތްތަކެއް އެ ސރަހައްދުގައި ގާއިމުކުރެވިފައެއް ނުވެ އެވެ. އެހެންކަމުން އެ ސަރަހައްދުގައި ބަންކަރިން ހިދުމަތްތަކާއި ބޯޓުފަހަރަށް ބޭނުންވާ އިތުުރު ހިދުމަތްތައް ދިނުމަކީ މި އެޑްމިނިސްޓްރޭޝަނުގެ ވިސްނުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް