ads
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކުރެއްވި އަލީ އަބްދުއްލަތީފް - ފޮޓޯ:ރައީސް އޮފީސް
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލީ އަބްދުއްލަތީފް އައްޔަންކުރައްވައިފި
ގާނޫނީ ވަކީލުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބު ކުރި ގާނޫނީ ވަކީލު އަލްއުސްތާޒު އަލީ އަބްދުއްލަތީފް، ގއ. ވިލިނގިލި، ބީޗުހައުސް، މިއަދު އެ ކޮމިޝަންގެ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އައްޔަނުކުރައްވައިފި އެވެ.

އަލްއުސްތާޒު އަލީ އަބްދުއްލަތީފް މި މަގާމަށް އައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އަލްއުސްތާޒު އަލީ އަބްދުއްލަތީފް، ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަނު ކުރީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޖޭއެސްސީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އިންތިހާބުކުރާ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.

އެމަނިކުފާނަށް ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުއިއްޒު އަލްއުސްތާޒު އަލީ އަބްދުއްލަތީފަށް ވަނީ ހަވާލުކޮށްދެއްވާފަ އެވެ.

އަލީ އަބްދުލް ލަތީފް ޖޭއެސްސީއަށް އިންތިހާބު ކުރީ ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކޮށްފައިވާ މެމްބަރު އަބްދުލް މާނިއު ހުސައިން އިސްތިއުފާ ދެއްވުމުންނެވެ. މި މަހު ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބު އަލީ އަބްދުއްލަތީފް ކާމިޔާބު ކުރެއްވީ 275 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް 168 މެމްބަރަކު ވޯޓު ދިނެވެ. 

އެ އިންތިހާބުގައި ވޯޓުލުމަށް 659 ވަކީލުން ރަޖިސްޓްރީވި ނަމަވެސް ވޯޓު ލާފައިވަނީ 443 ވަކީލުން ނެވެ. 

މި މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އަލީ އަބްދުލް ލަތީފްގެ އިތުރުން ދެ ފަރާތަކުން ކުރިމަތިލިނަމަވެސް،  އެ ދެ މީހުންގެ ޝަރުތު ހަމަނުވާތީ، އިންތިހާބުގައި ވާދަކުރެއްވީ އަލީ އަބްދުލް ލަތީފް އެކަންޏެވެ. 

ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރި މެމްބަރު އަބްދުލް މާނިއު ހުސައިން މިހާރު ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް