
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާކަން އިއުލާނު ކުރި އެވެ. އެހެންނަމަވެސް އެ ކައުންސިލުގެ ގާނޫނީ ހައިސިއްޔަތާ މެދު ކަންބޮޑުވުންތައް ހުރުމާ އެކު ތިނަދޫ ކައުންސިލުން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅި އެވެ.
އެ ކޮމިޓީގައި އެކި މުއައްސަސާތަކުން އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެމްބަރުންގެ މުސާރަ އަދި ކައުންސިލުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި އޮޅުން އަރާ ކަންކަން ތިނަދޫ ކައުންސިލުން ވަނީ ހިއްސާކޮށްފަ އެވެ.
އެ ކަންކަމާ ގުޅިގެން ލާމަރުކަޒީ ކޮމިޓީގައި މަޝްވަރާކޮށް އެ ކޮމިޓީން އިއްޔެ ނިންމާފައި ވަނީ ތިނަދޫ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ފެންނަ ކަމަށެވެ. އަދި އެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބިފައި ވަނީ ކައުންސިލުގެ ދައުރުގެ މެދުތެރެއިން ކަމަށް ވީނަމަވެސް ދައުރު ހަމަވުމާ ހަމައަށް އެ ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިނަދޫ ކައުންސިލަށް ލިބޭނެ ކަމަށާއި އެ ރަށަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައިވުމުން، ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ވީ އެންމެ އަވަހަކަށް ދިނުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގައި އެދެން ލާމަރުކަޒީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
ލާމަރުކަޒީ ކޮމިޓީގެ ނިންމުން މަޖިލިހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ކައުންސެލާ ޖެނެރަލް ފިލްޒާ ވަނީ ކޮމިޓީގެ ނިންމުން ރަނގަޅު ކަމަށް ފެނިވަޑައިނުގަންނަވާ ކަަމަށް ވިދާޅުވެފަ އެވެ. ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވަނީ ރަށު ކައުންސިލެއްގެ ދައުރުގެ މެދުތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް، އެ ސިޓީއެއް ހިންގަމުން ދާނީ ރަށު ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.
ފިލްޒާ ވިދާޅުވެފައި ވަނީ ރަށު ކައުންސިލުގެ ދައުރުގެ މެދުތެރެއިން ސިޓީއެއް އުފެދޭ ހާލަތުގައި އެ ސިޓީއަކަށް ސިޓީ ކައުންސިލެއް އުފެއްދުމަށް ގާނޫނު ލާޒިމު ނުކުރާ ކަމަށެވެ. އެގޮތުން ތިނަދޫއަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައި ވީނަމަވެސް އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭނެކަން ގާނޫނުގެ އެއްވެސް މާއްދާއަކުން ލާޒިމު ނުކުރާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ފިލްޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުރު ނިމެންދެން ކައުންސިލް އޮންނާނީ ރަށު ކައުންސިލެއްގެ ގޮތުގައި ކަމަަށް ފެނިވަޑައިގަންނަވާ ކަމުގަ އެވެ.
މި ހާލަތުގައި ސިޓީ ކައުންސިލަށް ގާނޫނުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް ރަށު ކައުންސިލަށް ލިބިދޭ ކަމަށާއި ސިޓީއަކުން ލިބެން ޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މެދުކެނޑުމެއް އަޔަނުދޭން ކަމަށް ފިލްޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވޯޓަކުން ތިނަދޫ ކައުންސިލަށް ރައީސް އާއި މެމްބަރުން އިންތިހާބުކޮށްފައި ވަނީ ރަށު ކައުންސިލުގެ މަގާމުތަކަށް ކަމަށްވާއިރު، އެ ފަރާތްތައް ހުވާ ކުރައްވާފައި ވަނީ ވެސް އެ މަގާމުތަކަށް ކަމަށެވެ. އެހެންވުމާ އެކު، އެ ހުވާ ކުރައްވައިގެން ތިއްބެވި މެމްބަރުންނަށް ސިޓީ ކައުންސިލެއްގެ މޭޔަރުކަމާއި މެމްބަރުންގެ ހައިސިއްޔަތު ނުދެވޭނެ ކަމަށް ފިލްޒާ ވިދާޅުވި އެވެ.
މަޖިލިހުގެ ކައުންސެލާ ޖެނެރަލްގެ މި ލަފަޔާ އެކު، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށާއި ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލާމަރުކަޒީ ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.