އުތުރުގެ ތިން އަތޮޅުގެ 13 މެމްބަރުން މި މަހުގެ ތިން ވަނަ ދުވަހު ފޮނުވި ސިޓީގައި ރައީސް މުއިއްޒާ ބައްދަލުކޮށް، މަޝްވަރާކުރުމަށް އެދިފައި ވަނީ މައިގަނޑު ތިން ކަމަކާ ގުޅޭގޮތުންނެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެ ސިޓީގައި ބުނެފައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތާއި އެއާޕޯޓު ބޭނުންކޮށްގެން މިހާރުން މިހާރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެދޭ ކަމަށެވެ.
ރައީސް މުއިއްޒާ އެކު މަޝްވަރާކުރެއްވުމަށް އެދި ދެ ވަނަ ކަމަކަށް ފާހަގަކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ ގޮތަށް އުތުރުގައި ބަންކަރިންގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް، އެ މަސައްކަތް އަވަހަށް ފެށޭނެ ގޮތަކާ ގުޅޭގޮތުން ކަމަށެވެ.
ތިން ވަނަ ކަމަކަށް އެ ސިޓީގައި ވަނީ ބޮޑު ތިލަދުންމަތީގެ މަޝްރޫއުތަކާއި ތަސައްވަރާ ބެހޭގޮތުން މަޝްވަރާކުރުމަށް އެ މެމްބަރުން ބޭނުންފުޅުވާ ކަމުގަ އެވެ.
ހއ. ހދ. އަދި ށ. އަތޮޅު ތަމްސީލުކުރާ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ހައިސިއްޔަތުން ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް އެދި އެ ސިޓީގައި ސޮއިކުރެއްވި 13 މެމްބަރުންނަކީ،
- ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
- ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
- ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުއްގަފޫރު މޫސާ
- ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
- ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
- ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
ބޮޑު ތިލަދުންމަތީގެ މަޝްރޫއުތަކާއި ތަސައްވަރާ ބެހޭގޮތުން ރައީސް މަޝްވަރާކުރެއްވުމަށް އެ ސަރަހައްދަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އެދިވަޑައިގަންނަވާފައިވާއިރު، މަޖިލިހުގައި އިވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމާ ގުޅިގެން ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން މަސައްކަތްތައް ކުރަމުން އަންނަ ގޮތާ ގުޅޭގޮތުން ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ދޭން އެއްބަސްވެފައި ވަނީ ގަތަރުގެ ކުންފުންޏަކާއި އެސްޓީއޯ އާ ދެމެދުގައި ކަމަށެވެ. އެ އެއްބަސްވުން އަދި ކުރިއަށް ދާ ކަމުގައި ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް ބެލުމަށް އެއްބަސްވުން ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ. އެ އެއްބަސްވުމަކީ ބަންކަރިން ހިދުމަތް ދިނުމަށް އެކަން ކުރެވިދާނެތޯ ބެލުމުގެ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ.
އެސްޓީއޯއިން އޭރު ބުނެފައި ވަނީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިންމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުން ކަމަށެވެ. އެގޮތުން ސޮއި ކުރެވުނު އެމްއޯޔޫއަކީ އެ ކުންފުންޏާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
އުތުރުގެ ތިން އަތޮޅުގެ މެމްބަރުން ފޮނުވި ސިޓީ އާ ގުޅޭގޮތުން އަދި އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށްވެ އެވެ.