ads
ބުޅަލަށް ވަޅި ޖެހުމުގެ އިރުކޮޅެއް ކުރިން
ބުޅާ މެރި މީހާ އިތުރު ބުޅަލަކަށްވެސް ހަމަލާދޭން އުޅުނު
މާލޭގެ މަގެއްމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މީހާ، އިތުރު އެހެން ބުޅަލަކަށްވެސް ހަމަލާ ދޭން އުޅުންކަން އެނގިއްޖެ އެވެ.
Advertisement

މާލޭގެ މަގެއް މަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލައިގެން ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށީ، ޖަވާހިރުވާދީ، އަހުމަދު ނަސީމެވެ. 

އޭނާ އިތުރު ބުޅަލަކަށް ހަމަލާދޭން އުޅުނުކަން އެނގުނީ، އޭނާގެ ބަންދު މުއްދަތު ހަމަވަގެން އަނެއްކާވެސް މުއްދަތަށް ކޯޓަށް ގެނައުމުންނެވެ. އެންމެ ފަހުން އޭނާގެ ބަންދަށް ޖެހި 10 ދުވަސް ހަމަ ވެގެން އަލުން އިތުރު ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފަ އެވެ. 

މިއީ އޭނާގެ ބަންދު މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން އޮތް ބަންދު މަޖިލީހުގައި ބުނެފައިވަނީ އޭނާ ބަންދުކޮށްފައި ބަހައްޓަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އޭނާގެ މައްސަލަ، ތަހުގީގުކޮށް ނިންމައި، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދައުވާ ކުރުމަށް ފޮނުވޭވަރުވާނެ ކަމަށް ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވެ އެވެ.

އެ މީހާ ބުޅަލެއްގެ ގަޔަށް ވަޅި ހަރައިލި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ޝަރީއަތުގައި އަހުމަދު ނަސީމް ބުނީ، ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ. އެކަމަކު އޭނާގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭގޮތުން ސީދާ ވާހަކައެއް ނަސީމް ނުދައްކަ އެވެ.

އާންމުވި ވީޑިއޯއިން ފެންނަނީ މަގުމަތިން ހިނގާފައި އައި ފިރިހެނަކު އިމާރާތެއްގެ ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލެއްގެ ކައިރިއަށް ތިރިވެ، އިރުކޮޅަކު މަޑުކޮށްގެން ހުރުމަށް ފަހު ކުއްލިއަކަށް އެ ބުޅަލުގެ ގަޔަށް ވަޅި ހަރާ ތަނެވެ. ވަޅި ހެރުމާ އެކު އެ ބުޅާ ވަރަށް ބާރަށް އެތަނުން ދުއްވައިގަނެ އެވެ. އެއީ ނަސަންދަރު ފުރަގަހުގައި، އަމީރު އަހުމަދު މަގުގައި ހުންނަ އިމާރާތެއްގެ ކުރިމަތީގައި އޮތް ބުޅަލެކެވެ.

ވަޅި ހެރި އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެ އެވެ. ބުޅަލަށް އަނިޔާވެރިވުން ކުށްވެރިކޮށް ގިނަ މީހުން ނުރުހުން ފާޅުކޮށްފައިވެ އެވެ.

ޖަނަވާރުންނަށް އަނިޔާކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް