ގދ. ތިނަދުއަށް ސިޓީގެ ލަގަބު ދެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި އިރު އެ ރަށުގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ އަތުލަން އެދި، ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާގިބު ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ތިނަދުއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ނިންމުމާއި އެ ނިންމުމާ ގުޅިގެން އަޅާފައިވާ އެންމެހާ އިދާރީ ފިޔަވަޅުތައް ބާތިލްކުރުމަށެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023ގަ އެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދުއަށް ވަޑައިގެން ބޭއްވި ޕާޓީ ޖަލްސާއެއްގަ އެވެ.