އާންމު ކޮމިޓީން ނިންމި ނިންމުމާ ގުޅޭގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، އިއްޔެ އެ ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދު ކަނޑައެޅިފައި އޮންނަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުންކަން ފާހަގަކޮށް ޝިޔާމް ވިދާޅުވެފައި ވަނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލިހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓަށްވާއިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިސްލާހު ހުށަހެޅީ، މަޖިލިހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލިހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލު ކުރުމަށެވެ.
ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނުއިރު، މަޖިލިހުގައި ޖުމްލަ 87 މެމްބަރުން ތިއްބެވި އެވެ. އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ އެކި މަގާމުތަކަށް ވަޑައިގަތުމަށް ބައެއް މެމްބަރުން ވަނީ މެމްބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.
އާންމު ކޮމިޓީން ނިންމާފައި ވަނީ، މަޖިލިހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ. އެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނައުމަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އަލީ އާޒިމެވެ.
ގަވާއިދުގެ 49 ވަނަ މާއްދާއަށް ބަދަލު ގެންނަން ހުށަހެޅީ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އެވެ. އެ މާއްދާއަށް އޭނާ ހުށަހެޅި އިސްލާހުގައި ވަނީ މަޖިލިހުގެ މެމްބަރަކު އިސްތިއުފާ ދެއްވުމުން، އިތުރު މެމްބަރަކު އިންތިހާބު ކުރެވެންދެން މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރުގައި އެ މެމްބަރުން އުނިކުރުމަށެވެ.
މި އިސްލާހު މަޖިލިސް ތަޅުމުން ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރުމަށް ބޭނުން ވާނީ 54 މެމްބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެމްބަރުންގެ ވޯޓު އެކަމަށް ބޭނުން ވާނެ އެވެ. އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެމްބަރުންނެވެ.
މަޖިލިހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު އެ ދާއިރާތައް ނުގުނަން ވެސް އެ އިސްލާހުގައިވެ އެވެ.
އާ އިސްލާހުތައް މަޖިލިހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، 27 މެމްބަރުންގެ ސޮޔާ އެކު ރައީސް އާއި ނައިބު ރައީސް އަޒުލުކުރުން ހުށަހެޅިދާނެ އެވެ. އަދި ރައީސް އާއި ނައިބު ރައީސް އަޒުލުކުރުން ކުރިއަށް ގެންގޮސް އެ ދެ ބޭފުޅުން މަގާމުން ވަކިކުރުން ފަސޭހަ ވެގެންދާނެ އެވެ. ފަސޭހަވާ ސަބަބަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އިދިކޮޅު އެމްޑީޕީއަށް ވުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;