ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ބިމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެތައް އަހަރެއް ވަންދެން މާލެ ރައްޔިތުންނަށް ގޯތި ދޫނުކޮށް އޮތުމަށްފަހު ކުރީގެ ސަރުކާރުން ގޯތި ދޫކުރި ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލުކޮށްފައިނުވާތީ އެ ކަމަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެ އެވެ.
ބިމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގައި އޮތީ ބަންޑާރަގޯއްޗަށް އެދެވޭނެ އުސޫލުތަކެވެ.
އިތުރު ކުރާ މާއްދާގައި ވަނީ:
(ހ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން 6 މަސްދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރުން
(ށ) ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ، ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ގެޒެޓު ކުރުމަށްފަހު ހަވާލުކޮށްފައިވާ ގޯތިތައް، ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރުން
އޭގެ އިތުރުން އެ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދި (ރ) އިތުރުކުރުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ. (ނ) ގައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރި ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލުކުރަންވާނެ ކަމަށެވެ.
އަދި (ރ) ގައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްކުރުމަށްފަހު ރަޖިސްޓްރީ ހަވާލުނުކޮށްވާ ގޯތިތަކުގެ ރަޖިސްތްރީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭފައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލުކުރަންވާނެ ކަމަށެވެ.
ބިލު ހުށަހެޅުއްވި މަގުސަދެއް ކަމަށް، ބިލުގައި މީކާއީލް ވިދާޅުވެފައި އޮތީ (ކުރީގެ) ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަމަށް ލިސްޓްކޮށްފައިވާ މީހުންނާ ގޯތިތައް ހަވާލުނުކޮށްގެން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ގާނޫނީ ހައްލެއް ހޯދައި ދިނުމެވެ. އެފަދަ ކަމެއް، ( ގޯތި ހަވާލުކުރުން ލަސްކުރުން ފަދަ ކަމެއް) ތަކުރާރު ވިޔަ ނުދިނުމަކީ ވެސް ބިލުގައިވާ ގޮތުން، ބިލުގެ މަގުސަދެކެވެ.
ކުރީގެ ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހުކޮޅު ފެށި "ބިންވެރިޔާ ސްކީމް"ގެ މަސައްކަތް މަޑުޖެހުނީ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ނާކާމިޔާބުވެ، ސަރުކާރު ބަދަލުވި ފަހުންނެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބައެއް ބިންތައް ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް ގަވާއިދަށް ބަދަލު ގެނެސްގެން ވަނީ ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރުގައި ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ފްލެޓާއި ގޯޗަށް ފޯމު ހުށަހެޅި އެއްވެސް ފަރާތެއްގެ ފޯމު ބާތިލު ނުވާނެ ކަމަށާއި އެއްވެސް ރައްޔިތަކަށް ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުނުލައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭން ދުވަސްވަރު އަދި އިންތިހާބު ކާމިޔާބުކުރެއްވި ފަހުން ވިދާޅުވެފައިވެ އެވެ.
އެކަމަކު އާ ސަރުކާރުގެ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ޕްލޭންކޮށްފައިވަނީ ކ. ފުށިދިއްގަރުފަޅު ހިއްކުމެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ހައިދަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާކަމަށް ވިދާޅުވެ، "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ދޫކޮށްފައިވާ ރެޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފަ އެވެ.
އެކަމާއި ގުޅިގެން މީކާއިލް މިފަހުން ވަނީ އާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ބޭފުޅުންނަށް ރުހުން ދިނުމަށް ދެކޮޅު ހައްދަވާ ވާހަކަ ދައްކަވާފައި އެވެ. މީކާއިލްގެ އެންމެ ބޮޑު އަމާޒަކަށް ވީ ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަށް ރުހުން ނުދިނުމަށެވެ.