މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ގދ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ސިއްހީ ހިދުމަތްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހިމެނޭ ކަމަށެވެ. އަދި އަތޮޅުގެ އެކި ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ރޭވިފައި ހުރި މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމާއި އަތޮޅުގައި ހުރި ފަޅުތަކާއި ފަޅު ރަށްތަކުގެ ނަފާ އެންމެ ފުރިހަމަގޮތުން ލިބޭނެ ގޮތްތަކަށް ކަންކަން އިންތިޒާމުވުމުގެ މުހިންމުކަމާ އަދި އަތޮޅަށް އިގުތިސޯދީ އިޖުތިމާއީ ކުރިއެރުން ގެނައުމަށް ބޭނުންވާ މުހިންމު ކަންތައްތައް އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެ އަތޮޅުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ހައްލުކޮށްދެއްވުންކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ގދ. އަތޮޅުގެ ތަރައްގީއަށް ރައީސް ޑރ. މުއިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި އެ ކަންކަން ކުރިއަށް ގެންދަވާނީ ރައްޔިތުންނާ މަޝްވަރާކުރެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނި ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ ވުޒާރާ އަދި އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި ކަމުގަ އެވެ.