ads
މިސްރުގެ ރައީސް ސީސީ ވެރިކަމުގެ ތިންވަނަ ދައުރު ކަށަވަރު ކުރައްވައިފި
މެދުއިރުމަތީގެ އެންމެ އާބާދީ ބޮޑު މިސްރުގެ ރައީސްކަމުގެ ތިންވަނަ ދައުރު މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ކަށަވަރުކުރައްވައިފި އެވެ.

މެދުއިރުމަތީގައި އޮތް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ މިސްރުގައި ރިޔާސީ އިންތިހާބު ކުރިއަށް ދިޔައީ މިމަހުގެ 10-12 އަށެވެ.

މިސްރުގެ އަސްކަރިއްޔާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ސީސީ އިންތިހާބުގައި ކުރި ހޯއްދަވާފައި ވަނީ ވޯޓުގެ 89.6 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ.

މިސްރުގެ އިންތިހާބާ ބެހޭ އިދާރާ - ނެޝަނަލް އިލެކްޝަންސް އޮތޯރިޓީން ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 67 މިލިޔަން މީހުންގެ ތެރެއިން 66.8 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމުގަ އެވެ. އޭގެ ތެރެއިން 39 މިލިޔަނެއްހާ މީހުން ވަނީ ސީސީއަށް ތާއީދު ކޮށްފައެވެ. 

މި އިންތިހާބުގައި މިސްރުގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީން ވާދަ ކޮށްފައެއް ނުވެ އެވެ. އެޕާޓީގެ ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދިޔައީ ކެމްޕޭނު ކުރެވޭނެ މިނިވަން މާހައުލެއް ގާއިމު ކޮށްދީފައި ނުވާ ކަމަށް ބުނެ އެވެ.

އިންތިހާބުގައި ސީސީއާ ވާދަ ކުރައްވާފައިވާ ކެނޑިޑޭޓުންނަކީ އިޖިޕްޝަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު ފަރީދު ޒަހްރާނާއި، އަލް-ވަފްދު ޕާޓީގެ ކެނޑިޑޭޓު އަބްދުއްސަނަދީ ޔަމާމަތާއި، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެނޑިޑޭޓު ހާޒިމް އުމަރެވެ. މީގެ ތެރެއިންތެރެއިން އެއްވެސް ކެންޑިޑޭޓަކީ ހައި ޕްރޮފައިލް ކެންޑިޑޭޓުންނެއް ނޫނެވެ. 

އުމުރުުފުޅުން 68 އަހަރުގެ ސީސީ، ވެރިކަމަށް ވަޑައިގެންނެވީ މިސްރުގެ ވެރިކަމުގައި ކުރިން ހުންނެވި، މުސްލިމް ބްރަދަރހުޑްގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން ވައްޓައިލުމަށްފަހު 2013 ވަނަ އަހަރު އެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ އިންތިހާބު ސީސީ ކާމިޔާބު ކުރެއްވީ 97 ޕަސެންޓު ވޯޓުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް