ads
ބެންޖޯގެ ކެރިއަރުގެ ފަހު މެޗަށް ފަހު
ކާމިޔާބު 19 އަހަރަށް ފަހު ބެންޖޯ ކުޅުން ހުއްޓާލައިފި
މެދު ނުކެނޑި އެންމެ މަތީ ފެންވަރުގައި 19 އަހަރު ކުޅުމަށް ފަހު، އަބްދުﷲ ހަނީފް (ބެންޖޯ) ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ބެންޖޯ ކުޅުން ހުއްޓާލިކަން މިއަދު އިއުލާން ކުރިއިރު، ބެންޖޯގެ ކެރިއަރުގެ ޕްރޮފެޝަނަލް އެންމެ ފަހު މެޗަކަށް ވެގެން ގޮސްފައިވަނީ ދިވެހި ލީގުގައި މިއަދު މާޒިޔާއާ އީގަލްސް ކުޅުނު މެޗެވެ. 

ބެންޖޯވަނީ އޭނާ ކުޅުން ހުއްޓާލިކަން އިއުލާންކޮށް، އޭނާގެ ކާމިޔާބު ކެރިއަރުގައި އެހީތެރިވީ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އަހަރެންގެ 19 އަހަރުގެ ފުޓްބޯޅަ ކެރިއަރު މިއަދު މި ނިންމާލަނީ. އަހަރެންގެ މުޅި ކެރިއަރުގައި ޝުކުރުވެރިވާން ޖެހޭ އެތައް ކަމެއް އެބަހުރި. މި ދިގު ދަތުރުގައި އަހަރެންނަށް އެކި ގޮތްގޮތުން އެހީތެރިވި، އެންމެނަށް ޝުކުރު ދަންނަވަން.

 

ޒުވާން ގައުމީ ޓީމަށާއި ސީނިއާ ގައުމީ ޓީމަށްވެސް ކުޅެފައިވާ ބެންޖޯވަނީ ރާއްޖޭގެ ޓޮޕް ޑިވިޝަންގައި އެތައް ކްލަބަކަށް ކުޅެ، ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. ބެންޖޯއަކީ މި ފަހުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެކަކެކެވެ.

2004 ވަނަ އަހަރު، ބެންޖޯގެ ފުޓްބޯޅަ ކެރިއަރު ފެށީ، ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އިންނެވެ. ޖެހިގެން، އައި އަހަރު އޭނާ ފެނުނީ، އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިންނެވެ. 

އައިއެފްސީ ރީބްރޭންޑް ކުރުމަށް ފަހު، ވީބީ ސްޕޯޓްސް ކްލަބަށް ބަދަލުވުމުން އެ ކްލަބަށްވެސް ބެންޖޯ ކުޅުނެވެ. އޭގެ އިތުރުން އީގަލްސް، ވެލެންސިއާ، ނިއު ރޭޑިއަންޓް ޓީސީ ސްޕޯޓްސް، މާޒިޔާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ބެންޖޯ ކުޅުނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް