ads
މި ޑިސެންބަރު 10ން 12 އަށް ކުރިއަށްދިޔަ މިސްރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ސީސީ
މިސްރުގެ ރައީސްކަަމަށް ސީސީ އިންތިހާބުވެވަޑައިގަތުމުން ރައީސް ތަހުނިޔާ ފޮނުއްވައިފި
މިސްރުގެ ރައީސްކަމުގެ މަގާމުގެ އާ ދައުރަކަށް އަބްދުލް ފައްތާހު އަލް ސީސީ އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

މިސްރުގެ އިންތިހާބީ މައި މަރުކަޒު -- ނެޝަނަލް އިލެކްޝަންސް އޮތޯރިޓީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިންތިހާބުގައި ސީސީއަށް ވަނީ 89.6 ޕަސަންޓް ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓުލީ މީހުންގެ ތެރެއިން 39 މިލިއަން މީހުންނެވެ.

މިސްރުގެ އަސްކަރިއްޔާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ސީސީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރިޔާސީ ތިންވަނަ ދައުރެއް އޭނާއަށް މިވަނީ ކަށަވަރުވެފަ އެވެ. 

ސީސީ، ވެރިކަމުގެ އިތުރު ދައުރެއް ލިބިވަޑައިގަތުމާއި ގުޅިގެން ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިސްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފަ އެވެ. ރައީސްގެ މެސެޖުގައި، ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިސްރުގެ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއްކަމުގައި ވިދާޅުވެ، ސީސީގެ ވެރިކަމުގައި މި ފެށުނު އައު ދައުރުގައި މިސްރަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.

މި މެސެޖުގައި، ރާއްޖެއާއި މިސްރާއި ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީހީ ގުޅުމަަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރުއްޔާ ވިދާޅުވީ އެއީ އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިހުތިރާމްކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގަ އެވެ. 

މީގެ އިތުރުން ވެސް ސަގާފަތާއި ތަރިކައާއި، އިޤްތިޞާދީ އެއްބާރުލުމާއި، ތައުލީމާއި، ފަތުރުވެރިކަމާއި، އަދި އެނޫންވެސް އެކި ދާއިރާތަކުން މިސްރުގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ރައީސް ޑރ. މުއިއްޒުގެ މެސެޖް ނިންމަވާލައްވަމުން މިސްރު ސަރުކާރާ ގުޅިގެން ދެގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ދެމިތިބުމަށް އެދޭކަން ހާމަކުރައްވާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް