ދިއްގަރު ފަޅުން 10 ހެކްޓަރު ހިއްކާ 150 ކޮޓަރި އަޅަން އެރަށު ކއުންސިލުން ހަވާލުކުރީ ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 1 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ދިއްގަރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހްކަދައްކަމުން ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ ރަށުގެ ތަރައްގީއަށް މިފަދަ މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްވެގެން މި ދިޔައީ ކުރީގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުންކަމަށެވެ. އަދި އޭރު ގާނޫނަށް ގެނައި ބަދަލަކީ ކައުންސިލްތައް ބާރުވެރިކުރުވަން ގެނައި މުހިއްމު ބަދަލެއްކަންވެސް ނިޝާން ފާހަގަކުރެއްވިއެވެ. ނިޝާން ވިދާޅުވީ ރަށް ތަރައްޤީކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަޖެޓް ނުލިބުން ކަމަށާއި ރަށުގައި ތަރައްޤީކުރާ މި ޓްއަރިޒަމް ޒޯނާއި އެކު އަހަރެއްގެ މައްޗަށް 12 މިލިއަން ލިބިގެދާނެކަމަށެވެ.
ނިޝާން ވިދާޅުވީ ދިއްގަރުގައި 150 އަށްވުރެ ގިނަ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި ރަށުން ބޭރުގައި, ރަށާ ވަރަށް ދުރުގައި ވަޒީފާ އަދާކުރަމުން އަންނަކަމަށެވެ. ރަށުގައ ތަރައްޤީ ކުރާ މި ޒޯނާއެކު ރަށާ ކައީރިގައި ޚިދުމަތް ކުރުމުގެ ފުރުޞަތެއް ދިއްގަރު ޒުވާނުންނަށް ލިބިގެންދާނެކަންވެސް ނިޝާން ފާގަކުރެއްވިއެވެ.
މަސައްކަތް ހަވާލުވި ފްލެކްސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހު ޝަރީފް ވިދާޅުވީ ފަޅު ހިއްކަން ބޭނުންވާ ސަމާނ މިހާރުވެސް ތައްޔާރަށް ހުރިކަމަށާއި މާ ގިނަދުވަސްތަކެއް ނުވެ އަމަލީ މަސައްކަތް ފަށާނެކަމަށެވެ. އަދި ތަން ތަރައްގީކުރަން ކުރާ މަސައްކަތުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ލިބިގެންދާނެކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.
ދިއްގަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް ކުރީ ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށުން ބިން ހިއްކާފައެވެ. އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.