މަސައްކަތްތެރިންގެ ހައްގުތަކާއި ގުޅޭ ދެ ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާއި ގުޅިގެން އެ ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފު ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންނަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވަމުންދާ ކަމަށެވެ. އޭގެތެރޭގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި، މުސާރަ އުނިކުރުން ފަދަ ކަންކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެހެންނަމަވެސް އެ ހުރިހާ ގޮންޖެހުންތަކާއެކު ވެސް ދިވެހި މަސައްކަތްތެރިންނަށް މިއަދާއި ހަމައަށް ހިފަހައްޓާލެވުނީ އެ މަސައްކަތްތެރިންގެ ހިތްވަރުގަދަ ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެވެސް ގޮތަކަށް ދިވެހިރާއްޖޭގެ ގާނޫނުން މި ހައްގު ލިބުމާއި، ރާއްޖެއިން ބައިނަލްއަގްވާމީ ކޮންވެންޝަންތަކުގައި ބައިވެރިވެފައިވުން ވެސް މަސައްކަތްތެރިންނަށް ބާރަކަށްވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، ވަޒީފާދޭ ފަރާތްތަކުން އެ ޖަމިއްޔާތައް އެއީ ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ މަސައްކަތުގައި ދިމާވާ ކަންކަން ހައްލު ކުރުމަށްޓަކައި ވާހަކަދައްކަން ޖެހޭ ފަރާތެއް ކަމުގައި ގަބޫލު ނުކުރުމަކީ ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޖަމިއްޔާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
މަސައްކަތްތެރިންގެ ހައްގުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރި ދެ ބިލަކީ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލެވެ. މި ދެ ބިލް ފާސް ކުރުމުގެ ސަބަބުން މަސައްކަތްތެރިންނަށް ސަރުކާރާއި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ގާނޫނީ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަކީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ، މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން، އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައަޅައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތަކާއި މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.
- އިތުރަށް ކިޔާލަން: ގިނަ އަހަރުތަކެއް ފަހުން އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްކޮށްފި