ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަހުމަދު ސިޔާމް މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.

Advertisement
ސިޔާމްގެ އެމްޑީއޭއިން ފުރަތަމަ ބުރުގައި ތާއީދުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް، އިންތިހާބު ފުރަތަމަ ބުރަށް ފަހު، ދެވަނަ ބުރުގެ ކުރިން އެމްޑީއޭގެ ތާއީދު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ވެސް ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް މި ދެ ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ރައީސް އޮފީހުން އަދި ނުދެއްވަ އެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާ އަށް ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޑރ. މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ދެންނެވި ކަމަށެވެ.
"ކޯލިޝަނެއް އޮތަސް ނެތަސް ރައީސަށް ދެންނެވީމޭ ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާ ކޮންމެ ސަރުކާރަކާ އެކު އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑު މަސައްކަތް ކުރާ ނަމޭ. ޖޭޕީން މަސައްކަތް ކުރާނަމޭ،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.