ads
އިންޑިއާ އާއި ނޭޕާލް މަސައްކަތްތެރިން ގެންނަން ހުއްދަ ދީފި
އިންޑިއާ އާއި ނޭޕާލުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހަމަޖައްސައިފި އެވެ.
Advertisement

ސަރުކާރުގެ މި ނިންމުން މި އައީ ބަނގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ހުއްދަ ދީ އެ ނޫން ގައުމުތަކުން ލޭބަރުން ގެނައުމަށް ވަގުތީ ގޮތުން މަނާކުރިތާ ދެތީން ހަތަރު ދުވަސް ފަހުންނެވެ.

މި މަހުގެ 17 ވަނަ ދުވަހު ބަޔާނެއް ނެރެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައި ވަނީ މިއަދުން ފެށިގެން ބަނގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން ރާއްޖެ އަށް އަންސްކިލްޑް ލޭބަރުން މި ވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށެވެ. 

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިންޑިއާ އާއި ނޭޕާލުން ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

"އިންޑިއާ އާއި ނޭޕާލުން އަންސްކިލްޑް ލޭބަރުން މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނެ ގޮތް ވާނީ ހަދާފައި،" އިހްސާން ވިދާޅުވި އެވެ.

ސަރުކާރުން މިގެނައި ބަދަލާ ގުޅިގެން މިހާރު ރާއްޖެއަށް ލޭބަރުން ގެނެވޭނީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ނޭޕާލުން އެކަންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެ އިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮތް ގޮތުން އެއް ގައުމަކުން ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުންނެވެ. މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގައި އެ އަދަދަށް ބަންގްލަދޭޝް މީހުން ނެތް ކަމަށެވެ.

"ވޯކްޕާމިޓްތަކުގެ ތެރެއިން، ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ވެސް ގަވައިދުން ފައިސާ ދައްކާފައި އިން ވޯކްޕާމިޓުތަކުގެ އަދަދަކީ މީގެ 50 ޕަސެންޓް. ބަންގްލަދޭޝް ވޯކްޕާމިޓްތަކުގެ އަދަދަކީ 50 ޕަސެންޓް. ގަވައިދުން ބަރާބަރަށް ފައިސާ ދައްކަމުން އަންނަ އަދަދަކީ 36 ޕަސެންޓް،" މިނިސްޓަރު މިފަހުން ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން ރާއްޖޭގައި މިވަގުތު ތިބީ ބަންގަލްދޭޝްގެ 90،000 މަސައްކަތްތެރީން ކަމަށެވެ. އަދި ބަނގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހުއްދަ ދިނީ އެކަމަށް ވަރަށް ގިނަ ވިޔަފާރިތަކާއި ސިނާއަތް ތަކުން އެދެމުންދާތީ ކަމަށެވެ.

ކުރީ ސަރުކާރުން ހާމަކުރި މައުލޫމާތުތަކުން ރާއްޖޭގައި ބަންގަލްދޭޝްގެ 130،000 ވުރެ ގިނަ މަސައްކަތްތެރީން އެބަ ތިއްބެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 66،000 ވުރެ ބޮޑުތަނުން އިތުރެވެ. އޭގެ ތެރޭގައި ވެސް ގިނައީ ބަންގަލްދޭޝް މީހުންނެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް