ads
އިންޖިނިއަރިން ދާއިރާގައި ކަނބަލުންނަށް ފުރުސަތު އެބައޮތް: ފަހުމީ
ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ކަނބަލުންނަށް އެބައޮތް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި ފަހުމީ ވިދާޅުވީ އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދެވޭނީ ހަމައެކަނި ފިރިހެންނަށް ނޫން ކަމަށާއި އަންހެނުންނަށްވެސް އެ ދާއިރާއިން ކުރިއަށް ދެވޭނެ މަގުފަހިވެފައިވާ ކަމަށެވެ.

ފަހުމީ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޖިނިއަރިންގެ ސިނާއަތް ފެށިގެން އައިއިރު، އެ ދާއިރާގައި އެއްވެސް ވަރަކަށް ކަނބަލުންގެ ބައިވެރިވުން ނޯންނަ ކަމުގަ އެވެ. ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެ މި ދާއިރާގައި ކަނބަލުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އިންޖިނިއަރުންގެ ގޮތުގަޔާއި ޓެކްނީޝަނުންގެ ގޮތުގަޔާއި ދާއިރާގެ އެހެން ދިމަދިމާލުގައިވެސް ކަނބަލުން ހަރަކާތްތެރިވަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި ހަމައެކަނި ސްޓެލްކޯއަށް ބަލާލި ކަމުގައި ވިއަސް އެ ދާއިރާގައި ގިނަ އަދަދެއްގެ ކަނބަލުން މަސައްކަތް ކުރަމުން ދާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އިންޖިނިއަރިންގެ ރޮނގުން މި ވަގުތުވެސް އަންހެން ކަނބަލުން ތައުލީމު ހާސިލު ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ. 

ފަހުމީ ވިދާޅުވީ މި ސިނާއަތުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯގައި އެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ. އެހެންކަމުން ފިރެހެނުންނެކޭ އެއްފަދައިން އަންހެނުންނަށް މި ދާއިރާއިން ކުރިއަރައިގެން ދާތަން ދެކެން ބޭނުންވެވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯއަށް 75 އަހަރު ވުމާ ގާތްވެފައިވާއިރު، މާޒީގައި އެ ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނަކީ މަސައްކަތަށް އިހްލާސްތެރި ފަރާތްތަކެއް ކަމަށެވެ. އެހެންކަމުން ކުންފުނީގެ މުވައްޒަފުން ކުރިއަށް އޮތްތަނުގައިވެސް އެކަމުން މިސާލު ނަގައި، ހަރުދަނާ ހިދުމަތެއް ފޯރުކޮށްދީ ކުންފުނީގެ ކުރިމަގު އުޖާލާ ކުރުމަށް މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް