ads
މަސްދަރު ހިމާޔަތްކުރުމަށް ގޮވާލައި ނޫސްވެރިން އަޑުއުފުލަނީ - ފޮޓޯ:އެމްޖޭއޭ
ސަރުކާރަށް ފާޑުކި 2 ނިއުސް ވެބްސައިޓެއް ބަންދުކުރުން އެޑިޓާސް ގިލްޑުން ކުށްވެރިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނަށް ފުޅާ ދާއިރާއެއްގައި ފާޑުކިޔާ ހަބަރާއި މައުލޫމާތު ފަތުރާ ދެ ވެބްސައިޓު 'ދިޔަވަރު.ކޮމް' އާއި 'ކުރުސީ.ކޮމް' ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ބަންދު ކުރި މައްސަލާގައި އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޑިޓާސް ގިލްޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދުލާއި ގަލަމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

"އަދި ތަހުޒީބީ މުޖުތަމައުތަކުގައި ހަބަރާއި މައުލޫމާތު ފެތުރުމަށް، ނުވަތަ ހިޔާލުފާޅު ކުރުމަށް ވެބްސައިޓް ފަދަ ވަސީލަތްތައް ބޭނުން ކުރާއިރު، އެއީ ކޮންމެހެން ރަޖިސްޓްރީ ކުރަން ޖެހޭ އެއްޗެއް ވެސް ނޫނެވެ. އަދި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި ވެސް ރަޖިސްޓްރީ ނުކޮށް ވެސް ނޫސްތައް އަންނަނީ ހިންގަމުންނެވެ. އެކަން ރަސްމީ ސިފައެއްގައި މަނައެއް ވެސް ނުކުރެ އެވެ،" އެޑިޓާސް ގިލްޑުގެ ބަޔާނުގައިވެ އެވެ.

އެޑިޓާސް ގިލްޑުން ބުނެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުން "މީޑިއާ" ކަމަށް ބަލައިގެންފައިވާ ހަމަތަކުގެ ތެރޭގައި ވެސް ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކަކީވެސް ހަބަރާއި މައުލޫމާތު ފެތުރުމަށް މީޑިއާ ކަމަށް ބަލައިގެންފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުގެ ދައުރެއް ނެތި އެ ދެ ވެބްސައިޓް ބަންދުކުރަން ޖެހުނު ސަބަބު ހާމަކުރުމަށާއި ހާމަނުކުރާހާ ހިނދަކު އެ ދެ ސައިޓް އަލުން އޮޕަރޭޓް ކުރުމަށް ދޫކޮށްލުމަށްވެސް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

"މި ޖަމިއްޔާއިން ވެސް ގަބޫލު ކުރާ ގޮތުގައި، ހަބަރާއި މައުލޫމާތު ފަތުރާ ފަރާތްތަކަކީ، ރަޖިސްޓްރީ ކޮށްގެން ވިޔަސް، އަދި ރަޖިސްޓްރީ ނުކޮށް ކަމަށް ވިޔަސް، ތެދު މައުލޫމާތު ދޭ ބަޔަކަށްވާން ޖެހޭނެ އެވެ. ސާބިތު ނުހިފޭ ވާހަކަތައް ހިމަނައިގެން މީހުންގެ އަބުރު ކަތިލުމާއި ހަގީގަތް އޮޅުވާލުމަށް ދޮގު މައުލޫމާތު ފަތުރައިގެންވެސް ނުވާނެ އެވެ،" އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައިވެ އެވެ.

އެޑިޓާސް ގިލްޑުން ބުނި ގޮތުގައި ތެދު މައުލޫމާތު ފެތުރުމަށް ބާރުދިނުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން މީޑިއާތަކަށް އަދި ފަރުދުންނަށް ވިޔަސް، މައުލޫމާތު ފޯރުކޮށްދިނުމަށް ހުރަސްއަޅައިގެންވެސް ނުވާނެ ކަމުގަ އެވެ. އެ ދޮރަކީ ތައްމިނަށް ހުޅުވާލެވިފައި އޮންނަ ދޮރަކަށް ވާން ޖެހޭނެ ކަމަށާއި އެހެން ނޫނީ ތެދު މައުލޫމާތު، ތެދަށް ފޯރުކޮށްދޭ ފަރާތްތަކަށް އެކަން ރަނގަޅު ގޮތުގައި ނުކުރެވޭނެ ކަމަށް އެ ޖަމިއްޔާގެ ބަޔާން ނިންމާލަމުން އެޑިޓާސް ގިލްޑުން ވަނީ ފާހަގަކޮށްފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް