ads
އެމްޖޭއޭގެ ލޯގޯ
ނޫސްތަކަށް ފިޔަވަޅު އަޅަންވާނީ އެމްއެމްސީން: އެމްޖޭއޭ
ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ރެގިއުލޭޓް ކުރެވޭނެ ނޫސްތަކެއް ކަމަށާއި ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އަޅަން ވާނީ ސަރުކާރުން ނޫން ކަމަށާއި ނޫސް މަޖައްލާއަށް ފިޔަވަޅު އެޅުމަކީ އެމްއެމްސީއަށް ގާނޫނުން ލާޒިމުކުރާ ކަމެއްކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިއަދު ބުނެފިއެވެ.

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ ނިންމުންތަކަށް ފާޑު ކިޔައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ، ހަބަރު ފަތުރަމުން ދިޔަ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ނުވަދެވޭ ގޮތަށް ހެދީ ރެއިން ފެށިގެންނެވެ. 

އެ ޖަމިއްޔާއިން ނެެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުއިއްޒު އެޑްމިނިސްޓްރޭޝަނަށް ފާޑުކިޔާ ލިޔުންތައް ޝާއިއުކުރަމުންދިޔަ ދެ ވެބްސައިޓަކާއި ރަޖިސްޓާކޮށްގެން ހިންގާ "ފުރަތަމަ.ކޮމް" ނޫހުގެ ވެބްސައިޓް ސަރުކާރުން ބްލޮކްކުރި ކުރުން މި ޖަމިއްޔާ އިން ކުށްވެރިކުރާ ކަަމަށެވެ.

އަދި އެ ޖަމިއްޔާ އިން ގަބޫލުކުރާ ގޮތުގައި މިއީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަަމަށްވެސް ބުނެފައި ވެއެވެ.

"ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ މިކަން ކުރުމުގެ އުސޫލެއް އާންމު ކުރުމަކާ ނުލާ ކަން ފާހަގަކުރަމެވެ. އަދި ހަރުދަނާ ދެފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަޝިޕް ސަރުކާރުން އެކްސަސައިޒް ކުރުމަކީ އެއްވެސް ހާލެއްގައި މި ޖަމިއްޔާ އިން ގަބޫލުކުރާނެ ކަމެއް ނޫން އަދި މިއީ މި ޖަމިއްޔާ އިން ދެކޮޅު ހަދައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ. ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޖަމިއްޔާ އިން ގޮވާލަމެވެ.". ބަޔާނެއްގައި ބުނެފައި ވެއެވެ.

އަދި، ޑިސްއިންފޮމޭޝަންއާއި މިސްއިންފޮމޭޝަންއާ ދެކޮޅަށް މަސައްކަތް ކުރުމަށް ތާއިދުކުރާ ކަމަށާއި، ނަމަވެސް ވެބްސައިޓްތައް ބްލޮކްކުރުމަކީ އެކަމަށް އޮތް ފަރުވާއެއް ކަމަށް ނުދެކޭކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"މިކަން ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު މަސައްކަތަކީ ދޮގު މައުލޫމާތު ދެނެގަންނަން އާންމުން ހޭލުންތެރިކުރުމާއި ފެކްޓް-ޗެކިން މަސައްކަތް ޕްރޮފެޝަނަލްކަމާ އެކު ކުރުމަށް ސަރުކާރުން މީޑިއާއަށް އެހީވުމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަންގެ އިދާރާތަކުން އެއްވެސް މައުލޫމާތެއް ކުރިން ހާމަކުރުމެއް ނެތި ސަރުކާރަށް ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބަންދުކޮށްފައިވާތީ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ގެންދަނީ ސޯޝަލްމީޑިއާގައި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ތިން ކުންފުނިން އެއްވެސް ވެބްސައިޓެއް ބްލޮކް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެންގުމުންނެވެ. ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގައި ކޭމް ހިންގަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ ދަށުންނެވެ. މިތަނުގެ ވަޒީރަކީ އާދަމް ޝަރީފް އުމަރު އެވެ.

ދެ ސައިޓު ބްލޮކްކޮށްލުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އެ ޕޯސްޓުގަައި އޭނާ ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް