ads
އިންޑިއާގެ ވަކި ހިސާބަކުން އައިސްތިބި މަސައްކަތްތެރިންގެ ފައިލޭރިއާ ގިނަ: ރައީސް އޮފީސް
އިންޑިއާގެ ވަކި ހިސާބަކުން ރާއްޖެއަށް އައިސްތިބި މަސައްކަތްތެރިންގެ ފަރާތުން ފައިލޭރިއާ ކޭސްތައް ގިނައިން ފެނިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއޭނާ ވިދާޅުވީ ބިދޭސީން ރާއްޖެއަށް އެތެރެކުރާއިރު ކުރަންޖެހޭ ޓެސްޓުތަކާ ގުޅޭގޮތުން ގޮތް ނިންމުމުގެ ބާރު މިހާރު ހެލްތް މިނިސްޓްރީއަށް ދީފައިވާކަމަށެވެ. 

މިގޮތުން ދިވެހިރާއްޖެއަށް ސަރުކާރުގެ ފަރާތުން ވެސް އަދި އަމިއްލަ ފަރުދުން އެތެރެކުރާ ބިދޭސީން ހެލްތް މޮނިޓާކުރުމުގައި ތަފާތެއް ނުގެންގުޅޭނެކަމަށެވެ. 

"މިއީ ސިއްހަތާ ގުޅުން ހުރި މައްސަލައެއް. އަޅުގަނޑުމެން އެއްވެސް ބަޔަކަށް ތަފާތެއް ނެތި ހަދަންޖެހޭ ޓެސްޓުތައް ހަދާނަން،" ނާޡިމް ވިދާޅުވިއެވެ.

މިހާތަނަށް ފައިލޭރިއާގެ 32 ކޭސްއެއް ފެނިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ތިބީ މުޅިންވެސް ބިދޭސީ މަސައްކަތްތެރިންނެވެ. 

ފައިލޭރިއާގެ ކޭސްތައް ރާއްޖޭގައި ފެންނަން ފެށުމުން ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރާއިރު ފައިލޭރިއާއަށް ޓެސްޓުކުރުން ލާޒިމްކުރަން އިއްޔެ ސަރުކާރުން ވަނީ ނިންމާފައެވެ.

ފައިލޭރިއާ ފެނިފައިވަނީ ހދ. ކުޅުދުއްފުށި، މާލެ އަދި ހުޅުމާލެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް