ads
ކެންސަރު ހޮސްޕިޓަލު މާލޭ ބަދަލުކުރަން ނިންމި ނިންމުން ބަދަކުރަން ގޮވާލައިފި
ކުރީ ސަރުކާރުން ލ. އަތޮޅު ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލު މާލޭއަށް ބަދަލުކުރަން ނިންމި ނިންމުން ކުށްވެރިކޮށް އެ ނިންމުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމު ގޮވާލައިިފި އެވެ.
Advertisement

މިރޭ ނެރުނު ބަޔާނެއްގައި ވިސާމު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލް މާލޭ ބަދަލުކުރަން ނިންމި ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ވިސާމް ވިދާޅުވީ ކުރީ ސަރުކާރުން އެ ހޮސްޕިޓަލް ގަމުގައި އަޅަން ނިންމީވެސް ސިޔާސީ މީހުންނާއި ސިއްހީ ދާއިރާގައި ނުފޫޒުގަދަ ބައެއް ފަރާތްތަކުން އެ ހޮސްޕިޓަލް މާލޭގައި އެޅުމަށް އެދެމުން ދަނިކޮށް ކަމަށެވެ.

އެ ނިންމުމާއެކު އިންޑިއާގެ ޓާޓާ މެމޯރިއަލް ކުންފުނީގެ މަންދޫބުން ގަމަށް ވަޑައިގެން ފީސިބްލިޓީ ރިޕޯޓް ހަދައި ޑީޕީއާރު ރިޕޯޓް ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވާނެކަަމަށް އޭނާ ވިދާޅުވި އެވެ،

އެގޮތުން އެ މަޝްރޫއުއަށް ބޭނުންވާ ހުރިހާ ފައިސާއެއް އިންޑިއާގެ އެގްޒިން ބޭންކުން ވަނީ ހަމަޖައްސައިފައި ކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ ކެންސަރު ހޮސްޕިޓަލު މާލޭ ބަދަލުކުރަން ނިންމީ ޓާޝަރީ ސިއްހީ ފަރުވާ ނުލިބޭ ސަރަހައްދެގައި އެ ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ސަރުކާރުން ބުނާ ކަމަށާއި، ނަމަވެސް މިއަހަރުގެ ޖުލައި މަސްތެރޭގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާނެކަމަށެވެ. އެހެންކަމުން ސަރުކާރުން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭކަމަށް ވިސާމް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވަނީ ސަރުކާރުގެ މިއަދު ނިންމި ނިންމުމާއެކު ގަމުގައި ގަމުގައި އަޅަން ހަަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލްވެސް އެހެން ރަށަކަަށް ބަދަލުކުރުމުގެ ބިރު އެބައޮތް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ހިންގަމުންދާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެކަމަށާއި ރޭވިފައިވާ ގޮތައް ކުރިއަށް ގެންދިއުމުގެ ވައުދާއެކުކަމަށް ވިދާޅުވެ ވިސާމް ވަނީ ކެންސަރު ހޮސްޕިޓަލުގެ ޕްރޮޖެކްޓަކީ ލ. އަތޮޅުގެ ކުރިއެރުމާއި ގުޅިފައިވާ މަޝްރޫއުއެއްކަން ފާހަގަކުރައްވާފައެވެ.

"ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލް މަޝްވަރާކުރުމެއް ނެތި މިފަދަ ނިންމުމެއް ސަރުކާރުން ނިންމުމަކީ ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި ހިޔާލެއް ހޯދަން ސަރުކާރުން ބޭނުން ނުވާކަމުގެ އަލިގަދަ ހެއްކެކެވެ. ހުރިހާ ކަމެއް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް މާލޭއަށް ބަދަލުކުރުމަކީ އަތޮޅުތަކާއި ރަށްތަކުގެ ތަރައްގީއަށް މިސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެކެވެ." ވިސާމުގެ ބަޔާނުގައި ވިދާޅުވި އެވެ.

ވިސާމް އޭގެ އިތުރުން ވިދާޅުވީ ވެެރިކަން ކުރާ ރަށަށް ހުރިހާ ބާރެއް މަރުކަޒު ކުރުމުގެ ސަގާފަތް އިޔާދަކުރަން މިސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެގޮތުން ތޮއްޖެހިފައިވާ މާލޭއަށް ހޮސްޕިޓަލު ޕްރޮޖެކްޓް ބަދަލުކުރީ ރޭވިގެން މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ގަސްތުގައި ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ދެކޭ ކަމަށެވެ.

ވިސާމް ވަނީ ކެންސަރު ހޮސްޕިޓަލް މާލޭ ބަދަލުކުރަން ނިންމި ނިންމުން ބަދަލުކުރަން ސަރުކާރަށް ގޮވާލައިފައެވެ.

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް