އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފަސް އަހަރުގެ މުއްދަތަކަށް ޑްރައި ލީސް އުސޫލުން އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް މޯލްޑިވިއަނަށް ބޭނުންވާ ކަމަށެވެ.
އެ ކުންފުނިން އެފަދަ މަތިންދާބޯޓެއް ހޯދަނީ މޯލްޑިވިއަނުން ރާއްޖޭން ބޭރަށް މިހާރު ކުރާ ސީދާ ދަތުރުތައް އިތުރުކޮށް ބައިނަލް އަގުވާމީ ދަތުރުތައް ފުޅާކުރުމަށެވެ.
ހޯދަން އިއުލާނު ކޮށްފައިވާ މަތިންދާބޯޓުގެ މަރާމާތާއި ތެލާއި ކްރޫ ފަދަ އޮޕަރޭޝަނަލް ހުރިހާ ހަރަދެއް ކުރާނީ ބޯޓު ކުއްޔަށް ނަގާ ފަރާތުންނެވެ.
އެ އިއުލާނުގައި ވާގޮތުން އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، ބިޑް ކާމިޔާބު ކުރާ ފަރާތުން ލަސްވެގެން އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ބޯޓު ފޯރުކޮށްދޭން ޖެހޭނެއެވެ.
އައިލެންޑް އޭވިއޭޝަނުން ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާނު ކުރީ، މޯލްޑިވިއަނުން ރާއްޖޭން ބޭރަށް ސީދާ ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޓޫރިސްޓުން ގެންނަ މަންޒިލްތަކަށް މޯލްޑިވިއަނުން ސީދާ ދަތުރުތައް ފެށުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.