ads
ބޯކޮށް ވާރޭވެހި ޕީއެސްއެމްގެ ދެ އިމާރާތަށް ފެންވަދެ ގެއްލުންވެއްޖެ
މިވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ ގެ އިމާރާތަށް ގެއްލުން ވެއްޖެ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

އެ ކުންފުނިން ޑިރެކްޓަރ ޕްރޮޖެކްޓްސް އިބްރާހީމް ރަމީޒް ވިދާޅުވީ ޓީވީ ބިލްޑިންގެ ބޮޑު ސްޓޫޑިއޯގެ ޑަކްޓުތަކަށް ފެންވަނުމާއި، ޕީއެސްއެމްގެ ބެކަޕް ސިސްޓަމް ހުރި ރޫމްގެ ސީލިންގުން ފެންފޭބުން، މާސްޓަރ ކޮންޓްރޯލް ރޫމްގެ ސިސްޓަމްތަކަށްވެސް ފެން އެޅިފައިވާ ކަމަށެވެ.

މީގެ އިތުރުން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިގްގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީލިންގުން ބައެއް ވެއްޓިފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

your imageފޮޓޯ: ޕީއެސްއެމް

ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވާ ގޮތުގައި ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި އިމާރާތްތަކުގެ މަރާމާތަށްވެސް އަދި ބޭނުންކުރާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެސްފައި ނުވާތީ ވިއްސާރައިގައި އިމާރާތަށާއި ތަކެއްޗަށް މިލިބުނު ގެއްލުމުން އަރައިގަތުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާނެ އެވެ. 

your imageފޮޓޯ: ޕީއެސްއެމް

ވިއްސާރައިގައި ޕީއެސްއެމްގެ އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ވަގުތީ ހައްލެއް ގެނެސް ނިއުސްރޫމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ އިރާކޮޅުން ފެށިގެން މާލެއަށް ހުއްޓާނުލާ ވެހެމުންދާ ވާރެއާއެކު މާލޭގެ ބޮޑު ސަރަޙައްދެއްގައިވަނީ ފެންބޮޑުވެފައިވާތީ ކަމާއި ބެހޭ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.   

މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މާދަމާ އިން ފެށިގެން އިރުވައި މޫސުމުގެ ވިއްސާރަ ދާނީ ރަނގަޅު ވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެޓުން ވަނީ މިއަދު މެންދުރާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ލ. ކައްދު އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް