ads
ހުތުބާ ކިއުމުގެ ހުއްދަ ނަގަން 100 ޒުވާނުން ކުރިމަތިލައިފި
ހުތުބާ ކިއުމުގެ ހުއްދަ ނަގަން 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހުތުބާ ކިއުމުގެ ހުއްދަ ނަގަން ކުރިމަތިލާފައިވާ ފަރާތްތަކުގެ އިންޓަވިއު އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ. އަދި އޭގެފަހުގައި ފިގުހު ތަމްރީނު ތަކެއް ފުރިހަމަ ކުރުމަށްފަހު އެ ޒުވާނުން މިސްކިތްތަކުގެ މިންވަރުތަކުން ފެނިގެންދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

ހުއްދައަށް އެދިފައިވާ ފަރާތްތަކުކެ ތެރެއިން މާލޭގައި ހުރި ފަރާތެއްނަމަ އިންޓަވިއު ކުރާނީ މިނިސްޓްރީއަށް ހާޒިރުކޮށްގެންނެވެ. ރާއްޖެތެރޭގެ ރަށެއްގައި ތިބި ފަރާތްތަކުގެ އިންޓިވިއު ކުރިއަށްގެންދާނީ އޮންލައިންކޮށެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަވިއުގައި އޮންނާނީ ގުރުއާން ކިޔެވުން އަޑުއެހުން ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހުތުބާތަކުގެ ތެރެއިން އެމީހަކު އިހްތިޔާރުކުރާ ހުތުބާއެއް އަޑުއެހުމަށްފަހު ހުއްދަ ދޭނެ ކަމަށެވެ.

މީގެއިތުރުން ހުތުބާ ކިއުމުގެ ހުއްދަ ދެވޭ ފަރާތްތަކަށް ހާއްސަ ތަމްރީނެއް ދޭގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި ތަމްރީނުގައި ހިމެނެނީ މޮސްކް މެނޭޖްމަންޓް، ހުތުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަހުލާގު، މިސްކިތުގެ ދައުރު އަދި ނަމާދު ފިގުހެވެ.

މި ތަމްރީނުތައް ކުރިއަށްގެންދާނީ އަތޮޅުތަކުގައ އުޅޭ ފަރާތްތަކަށް އަތޮޅުތަކުގައި ކަމަށާއި، މާލެ ސަރަހައްދުގައި އުޅޭމީހުންގެ ތަމްރީނުތައް ކުރިއަށްދާނީ މާލޭގައި ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ. އަދި މިއީ ހަމައެކަނި ތަމްރީނު ޕްރޮގްރާމެއް ކަމަށާއި، އެއާ ވިދިގެން އެއްވެސް އިމްތިހާނެއް ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ވަނީ ހުތުބާ ކިއުމުގެ ހުއްދަދިނުމާ ބެހޭ ހުރިހާ ކަމެއް އަންނަ ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.

ދީނީ ކަންކަމަށް އިސްކަންދީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިސްކިތްތަކުގައި ތިއްބަވާ އިމާމުންނަކީ ހޭލުންތެރި ބަޔަކަށް ހެއްދެވުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް