ads
އާޒިމާގެ މައްޗަށް 4 މިލިއަން ރުފިޔާގެ ހުކުމެއް
މާލޭ މޭޔަރުކަމަަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އާއިޝަތު އާޒިމާ ޝަކޫރު، އިސްލާމިކް ބޭންކަށް 4 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މިއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމެކެވެ.

އާޒިމާގެ މައްޗަށް ސިވިލް ކޯޓުން މިއަދު އެ ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އެއީ ލޯނެއް ނަގައިގެން ފްލެޓެއް ގަނެފައިވާ މައްސަލައެއްގަ އެވެ.

ޑިމިނިޝިން މުޝަރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް 4،030،856 ރުފިޔާ ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި މިއަދު ކުރެއްވި ހުކުމުގައިވެ އެވެ.

ޑިމިނިޝިން މުޝަރަކާ (ޑީއެމް) އަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

މޭޔަރު ކަމަށް ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް