ޓުރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއްކަމެއްގެ ގޮތުން ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ރައްޔިތުނަށް ފަސޭހަ ވާނެހެން ހުރިހާކަމެއް އެއް ޕޯޓަލް އަކުން ނިންމޭނެގޮތެއް ހަދަން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކިއެކި ހިދުމަތްތައް ހޯދުމަށް އެކި ޕޯޓަލްތައް ހުރުމުން އުނދަގޫވެގެން އެކަމުގެ ސަކުވާ ލިބިފައިވާކަމަށެވެ.
އެހެންކަމުން މިނިސްޓްރީގެ ކޮންމެ ހިދުމަތަކަށް އެދެން ބޭނުންވާ މީހާއަށް އެކަން އެއް ޕޯޓަލްއެއްގެ ތެރެއިން ވާނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރިޔަށް އެބަދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިކަން ކުރިޔަށް އޮތް 3-4 މަސް ދުވަސް ތެރޭގައި ޕަބްލިކްކޮށް އެ ޕޯޓަލްގެ ތެރެއިން ކުރެވިގެންދާނެ ކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑޮމެއިންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލަ އަކަށް ވެފައިވާކަމެއް ކަމަށެވެ. ވަޒީރު ކަމާ ހަވާލުވެވަޑައިގެން އިރުވެސް 200 ވަރަކަށް ފަރާތުން ޑޮމެއިންއަށް އެދިފައިވާކަމަށާއި ނަމަވެސް ކުރީ ސަރުކާރުންގެ ރައީސް އޮފީހުން މިނިސްޓްރީއަށް އަންގަވައިގެން ޑޮމެއިންގެ އެއްވެސް ކަމެއް ކުރިޔަށް ނުގެންދާން ނިންމާފައި އޮތުމުން އެކަށް އޭރު ހުއްޓާލެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސައްހަ ގޮތުގައި ޑޮމެއިން ނަގާފައިވާ ފަރާތްތަކަށް އެ ހިދުމަތް ލިބެންޖެހޭކަމަށެވެ. ކުރިން ބުނި 200 ފަރާތްތައް މިހާރު މިހާރަށް އެ ހިދުމަތްތައް ނުދެވުނަސް ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން އެކަންކުރުމަށް ވުޒާރާ އާއި ހަވާލުވި ދުވަހުން ފެށިގެން ކުރަން ފަށާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ސަރައްހަދާއި އަދި މާލޭން ބޭރުގައި ދޫކޮށްފައި ހުރި ޑޮމެއިންއަކީ ސައްހަ ޑޮމެއިންތަކެއްތޯ ބަލަން ޖެހޭކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ބެލުމަށް ފަހު ކެންސަލް ކުރަން ޖެހޭ ޑޮމެއިންތައް ހޯދާ އެ ކެންސަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޑޮމެއިންގެ ހިދުމަތް ކުރިޔަށް އޮތް 2-3 މަސްތެރޭ ފެށިގެންދާނެކަމަށާއި އެކަން ނިންމާފައިވަނީ ޒަމާނަށް ފެތޭގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތަފާތު ކުރިޔަށް އޮތްތަނުގައި ތަފާތު ކޮންސެޕްޓެއްގައި އެ ހިދުމަތް ހޯދަން ބޭނުން ފަރާތް ތަކަށް އެ ހިދުމަތް ލިބިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.