ads
އިސްލާމިކް މިނިސްޓްރީން ރިސާލަތު ޕްރޮގްރާމް އިފްތިތާހުކޮށްފި
ދިވެހިން އިސްލާމް ދީނަށް އަހުލުވެރި ކުރުވައި އަގީދާ ވަރުގަދަ ކުރުވުމަށްޓަކައި ހިންގާ "ރިސާލަތު" ޕްރޮގްރާމް އިސްލާމިކް މިނިސްޓްރީން އިފްތިތާހު ކޮށްފިއެވެ.

ރިސާލަތު ޕްރޮގްރާމް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް، އަގީދާ ވަރުގަދަކޮށްދީ އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، މި ޕްރޮގްރާމް ހިންގާނީ ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އިތުބާރު ހިފޭ ޖަމިއްޔާތަކާއި ގުޅިގެން ކަމަށެވެ. އަދި މިއީ ފަސް އަހަރުގެ ޕްލޭނެއް ކަމަށާއި، މި އަހަރު ކުރިއަށް ގެންދާނީ ފުރަތަމަ ބައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިއަހަރު މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާނީ އިސްލާމްކަން، އީމާންކަން އަދި އިހްސާންކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމަކީ ކީރީތި ރަސޫލާގެ އާލުބައިތުންނާއި ސަހާބީން ފަދައިން އިސްލާމް ދީނުގެ އަސާސްތަކުގައި ހިފަހައްޓާ މުޖުތަމައު އެއްބައިވަންތަކަމާއި ހަމަޖެހުމަށް ލޯބި ކުރާ ޖީލެއް ދިވެހި މުޖުތަމައު ބިނާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިސާލަތު ޕްރޮގްރާމްގެ ތެރެއިން ދަތުރުވެރިންނަށާއި މަސްވެރިންނަށް ހާއްސަ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ޑރ. ޝަހީމް މައުލޫމާތު ދެއްވިއެވެ.

މި ޕްރޮގްރާމްގައި ހުތުބާ، ދަރުސް، މީޑީޔާ ޕްރޮގްރާމްތަކާއި ފޯރަމް އަދި ސެމިނާތައް މެދުވެރިކޮށް މައުލޫމާތު ދިނުން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް