ads
ފެންވަރު ރަނގަޅު ބޭސް އެތެރެ ކުރުމަށްޓަކައި އާ ގައިޑްލައިނެއް އެކުލަވާލަނީ
ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ރާއްޖެ އެތެރެ ކުރުމަށްޓަކައި ގައިޑްލައިން ތަކެއް އަލުން އެކުލަވާލަމުން ދާކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅު ވެއްޖެއެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ފެންވަރު ރަނގަޅު މޮޅު ބޭސް ލިބުމަށް ރައްޔިތުން އަބަދުވެސް އެދޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ބޭސް އެތެރެ ކުރުމާ ބެހޭ ގައިޑްލައިނުގައި ވާގޮތުން ބޭހެއް ރާއްޖެ އެތެރެ ކުރެވެނީ ބޭހުގެ ކޮންޓެންޓް އެނގިގެން ކަމަށާއި، ނަމަވެސް ބޮޑެތި ވިޔަފާރިތަކުން އެ ކޮންޓެންޓް ހާމަކުރަން ދެކޮޅުހަދާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިތަކުން އެއްވެސް ބޭހެއް ރާއްޖެ އެތެރެކުރުމުގެ ދޮރުތައް ވަނީ ބަންދުވެފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ދަތިކަން ހައްލުކޮށް ފަސޭހަ ކަމާއެކު ބޭސް އެތެރެކުރެވޭނެ މަގު ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުންދާމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ތަރައްގީ ވެފައިވާ ގައުމުތަކުގައި ހުއްދަ ދީފައިވާ ބޭސްތައް ރާއްޖެ އެތެރެކުރެވޭނެ ގޮތް ހެދުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި މަޝްވަރާކޮށްގެން ގައިޑްލައިނަށް އިސްލާހު ގެނެސް އާ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެން ކަށަވަރު ކުރުމަށްޓަކައި މިހާރު ގައިޑްލައިންތަކެއް އަޅުގަނޑުމެން އެބަހަދަން، މިހާރު ހުރި ގައިޑްލައިންތަކަށް އެބަ ބަދަލު ގެންނަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުބާއީ އާއި މެލޭޝިއާގެ އިތުރުން އިންޑިއާ ފަދަ ސަރަހައްދީ ގައުމުތަކުން ވެސް ފެންވަރު ރަނގަޅު ބޭސް ލިބެން އެބަހުރި ކަމަށެވެ. އެހެންކަމުން ބޭސް އެތެރެ ކުރުމުގައި މިހާރު ހުރި ހުރަސްތައް ނައްތާލައި، ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް