ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އިންޑިއާ ފަތުރުވެރިން ހަދާފައިވާ ގިނަ ހޮޓެލް ބުކިންތަކެއް ކެންސަލް ކުރަން ފަށާފައި ވަނީ ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީބަށް ޒިޔާރަތް ކުރަން ގޮވާލައި އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން ވެސް ހިމެނޭ ގޮތަށް ފެށި ކެމްޕޭނަށް ފަހުގަ އެވެ.
މި ކެމްޕޭނާއި ގުޅިގެން ރާއްޖެއަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލައި އެގައުމުގެ ޓުއާ އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލައި ރާއްޖެ ބޮއިކޮޓް ކުރުމަށް ވެސް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.
ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯއިން މިއަދު ބުނީ، މީސްމީޑިއާގައި ހިނގާފައިވާ ކަންތައްތަކާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ތެރޭ އިންޑިއާ މާކެޓަށް އައިސްފައިވާ ބަދަލު ދެނެގަތުމަށް ހަދާ ސާވޭއެއްގައި ބައިވެރިވުމަށް ދާއިރާގެ ސްޓޭކްހޯލްޑަރުންނަށް ދައުވަތުދޭ ކަމަށެވެ.
މި ސާވޭގައި ހިމަނައިފައިވާ މުހިންމު ބައިތަކުގެ ތެރޭގައި ހޮޓަލުގެ މައުލޫމާތާއި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކެންސަލްކޮށްފައިވާ ރެޒަވޭޝަންގެ އަދަދާއި ކެންސަލްކުރި ސަބަބު ހިމެނެއެވެ. އަދި އާންމުކޮށް ކެންސަލްކުރާ މިންވަރާ އަޅާބަލާއިރު ތަފާތު އައިސްފައިވޭތޯ ބެލުމަށް ވެސް ސާވޭގައި އެދިފައިވެއެވެ.
މީގެ އިތުރުން ރެޒަވޭޝަންތައް ކެންސަލް ކުރުމުގެ ސަބަބުން ލިބޭނެ ކަމަށް ލަފާކުރެވޭ ގެއްލުމާއި އެ ގެއްލުން ފޫބެއްދުމަށް ކުރާ މަސައްކަތް ވެސް ހިމެނުމަށް ސާވޭގައި އެދިފައިވެއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކާއި، ހޮޓާ އަދި ގެސްޓް ހައުސްތަކަށް މި ސާވޭ ކުރިއަށް ގެންދިއުމަށް މަޓާޓޯއިން ވަނީ ގޮވާލާފަ އެވެ.
ސާވޭ ހެދުމަށްފަހު މި މެއިލްއަށް އީމެއިލް ކުރުމަށް މަޓާޓޯއިން އެދެ އެވެ.
މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އަވައްޓެރި އިންޑިއާއިން އިންނެވެ.
ދެ ގައުމުގެ ދޭތެރޭ އުފެދިފައިވާ ނުތަނަވަސްކަމުގައި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައިވާ ސަފީރު އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވެ އެވެ.
އަދި ހަމައެހެންމެ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ވެސް ވަނީ ރާއްޖޭގެ ފޮރިންގް މިނިސްޓްރީއާށް ހާޒިރުކޮށްފައެވެ. ނަމަވެސް ސަފީރު ހާޒިރުކޮށްފައިވަނީ ކުރިންވެސް ތާވަލު ކުރެވިފައިވާ ބައްދަލުވުމަކަށް ކަމުގައި ބުނެއެވެ.