ads
ފޮޓޯ
ސާމްޕަލް ނެގެޓިވްވި ޒުވާނެއްގެ ދުލުން ކޮވިޑް-19 ގެ ހިތި ތަޖުރިބާ!
"ރިސޯޓުގެ ރިސެޕްޝަނުގައި މަސައްކަތް ކުރާތީ، ޑިއުޓީއަށް ނިކުންނަ ކޮންމެ ވަގުތެއްގައި އެތައް ބައިވަރު ފަތުރުވެރިންނާ ދިމާވެ ސަލާމް ކުރެވޭ، އޭރު ރާއްޖެއިން މިހާރު ފެނިފައިވާވަރަށް ވެސް ކޮވިޑް-19 ނުފެންނާތީ، އޭރު މި ބަލި ފެނިދާނެ ކަމަށް ވިސްނުމަށް ނާދޭ،" މިއީ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި ޒުވާނެއްގެ ބަހެވެ.
Advertisement

އެދުވަހުވެސް އާދައިގެ މަތިން ޑިއުޓީއަށް ނިކުމެ މަސަކަތްކުރީ ކުރިއަށް އޮތްތަނުގައި 14 ދުވަހަށް އެކަހެރިވާން ޖެހޭނެ ކަމުގެ ކުޑަވެސް މައުލޫމާތެއް ނެތި އެވެ. ފަތުރިވެރިޔާ ކޮޓަރި ބަދަލުކުރަން ބޭނުންވާތީ ރިސެޕްޝަނަށް އައިސް އެދުމުން، އޭނާއާ ވާހަކަ ދައްކާ އޭނާއަށް ކޮޓަރި ހަމަޖައްސައި ދިނުމަށް ޒުވާނާ މަސައްކަތްކުރި އެވެ.

ފަތުރުވެރިޔާގެ ފަރާތުން ބަލިވެ އުޅޭކަމުގެ އެއްވެސް އަލާމާތެއް އޭރު ފެންނަން ނެތް ކަމަށް ޒުވާނާ ފާހަގަކުރި އެވެ. އެހެން ނަމަވެސް އޭރުވެސް ފަތުރުވެރިޔާ ކުޑަކޮށް ކެއްސާ ހެދި ކަމަށާއި އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވޭކަމަށް އޭނާ ބުންޏެވެ. ދެތިން ދުވަސް ފަހުން ފަތުރުވެރިޔާ މާ ބޮޑަށް ބަލިވެ، ޑޮކްޓަރަށް ދެއްކުމުން، ބައްޔަށް ޝައްކުކުރެވޭ ކަމަށް ބުނުމުން ކަމާބެހޭ ފަރާތްތަކަށް އެންގިކަމަށް ޒުވާނާ ބުންޏެވެ.

ފަތުރުވެރިޔާގެ ސާމްޕަލް ނަގާ އައިސޮލޭޓްކޮށް އޭނާގެ ނަތީޖާ ޕޮޒިޓިވްވުމާއެކު ފަތުރުވެރިޔާއާ ދިމާވި ހުރިހާ އެންމެ ހޯދައި އައިސޮލޭޓް ކުރި އެވެ. އެވަގުތު "ދެން އަހަރެންނަށް ވެސް މި ބަލި މިހާރު މިހުރީ ޖެހިފައޭ ހިތައްއެރި" ކަމަށް ޒުވާނާ ބުންޏެވެ. އައިސޮލޭޓް ކުރި ފަރާތްތަކުގެ ތެރޭގައި ނުތަވަސްކަން ހުރި ކަމަށާއި ފުރަތަމަ ދުވަސްކޮޅު އާއިލާ މީހުން ގުޅީމާ ފޯނު ނުނަގާ، ކާއެއްޗެއް ނުކައި އުޅުނު މީހުން ވެސް ތިބި ކަމަށް އޭނާ ފާހަގަކުރި އެވެ.

އެހެންނަމަވެސް ފަސްވަރަކަށް ދުވަސްފަހުން އެންމެން ވެސް ހަމަޔަކަށް އެޅުންކަމަށް ވެސް ބުންޏެވެ.

ހަތް ވަނަ ދުވަހު ހުން އައިސްފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި ހުމުން ވެސް މިއީ ތަފާތު ބައްޔެއްކަން ފާހަގަކުރެވުނު ކަމަށް އޭނާ ބުންޏެވެ. މުޅި މީހާ ހުރީ ހޫނުކޮށް ކަމަށާއި ހީކަރުވާހާ، އޭސީ ފުލްކޮށް ފައި ހުއްޓަސް ހަށިގަނޑު ފިނި ނުވާކަމަށް އޭނާ ފާހަގަކުރި އެވެ. ނޭވާލާން އުނދަގޫވާހެން ހީވުމުން ތިމަންނާ ދެން ޕޮޒިޓިވްވީ އޭ ހިތަށް އެރިކަމަށް ޒުވާނާ ބުންޏެވެ.

ތިން ގަޑިން ތިން ގަޑިން ހުން ބަލަމުން ދިޔަ ކަމަށާއި، އަލާމާތްތަށް ފެނުމުން ސާމްޕަލް ނެގިކަމަށް ޒުވާނާ ބުންޏެވެ. އަދި ނަތީޖާ ލިބެންދެން ހުރީ ވަރަށް ބޮޑު ހާސްކަމެއްގައި ކަމަށް ފާހަގަކޮށް ޒުވާނާ ވަނީ އެންމެ މީހެއް ޕޮޒިޓިވް ވިޔަސް ރިސޯޓުގައި ތިބި ގިނަ މީހުންނަށް ބަލި ޖެހިގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ބުނެފަ އެވެ.

ސާމްޕަލްތައް ނަގަނީ ދެދުވަހުން އެއްދުވަހު ކަމާއި ސާމްޕަލްތަކުގެ ނަތީޖާ ލިބި ނެގަޓިވްވިކަން އެނގުމުން ލިބުނީ ވަރަށް ބޮޑު ހިންހަމަޖެހުމެއް ކަން އޭނާ ފާހަގަކުރި އެވެ.

ވަގުތުން ވަގުތަށް ބަލި ހުރިތޯ ބަލާ ޗެކް ކުރާ ކަމަށާއި ރިސޯޓުގެ މެނޭޖްމަންޓުން ވެސް ހާލު ބަލަމުން ގެންދިޔަ ކަމަށް ޒުވާނާ ބުންޏެވެ. ތިން ދުވަސް ވަންދެން ހުމުގެ އަސަރު ހުރުމަށް ފަހު ހުން ރަނގަޅުވުމުން އައިސޮލޭޝަންގެ ބާކީ ދުވަސްތައް މާ ބިޑު ކަމެއް ކުރިމަތިނުވެ ހޭދަ ކޮށްލެވެނު ކަމަށް ޒުވާނާ ބުނެ އެވެ.

ސާދަ ދުވަހުގެ އައިސޮލޭޝަނެއްގައި ހުރުމަށް ފަހު ދޫކޮށްލުމުން ކުއްލިއަކަށް މީހުންގެ ތެރެއަށް ނިކުމެ އުޅެން އުނދަގޫ ވިކަމަށާއި، "މަގޭ ސަބަބުން އެހެން މީހުންނަށް އުނދަގޫވާހެން ހީވި" ކަމަށް ޒުވާނާ ފާހަގަކުރި އެވެ. އަދި ރިސޯޓުގެ އެހެން ސްޓާފުންވެސް އޭނާއާ ދުރުދުރުން އުޅޭ ކަމުގެ އިހުސާސް ކުރެވުނު ކަމަށް އޭނާ ފާހަގަކުރި އެވެ.

މިކަމުގެ ތަޖުރިބާ ކުރެވުމުން މިއީ ކިހާ ވަރެއްގެ ކަމެއްކަން މިހާރު އިހުސާސް ކުރެވޭ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތަށް ރަނގަޅަށް އަޑުއަހާނެ ކަމަށް ޒުވާނާ އުންމީދު ކުރެ އެވެ. އަދި ބައްޔަށް ބެހޭ ސައްހަ މައުލޫމާތު ހޯދައި ފަރުދީ ޒިންމާ އަދާކުރަން އޭނާ އިލްތިމާސްކުރެ އެވެ.

މިހާރު ޒުވާނާ އުންމީދު ކުރަނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާ އަވަހަށް އާއިލާ ކައިރިއަށް ދެވޭނެ ދުވަހަކަށެވެ.

84%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް