ރައީސް މިހާރު ޗައިނާ އަށް ކުރަށްވާ ރަސްމީ ދަތުރުގައި ރާއްޖޭގައި ހިނގަމުންދާ ތަރައްގީގެ މަސްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމަށް ރައީސް ދަނީ ޗައިނާ އާއި މަޝްވަރާކުރައްވަމުންނެވެ. އެގޮތުން:
- މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުން
- ރަސްމާލެ ތަރައްގީ ކުރުން
- އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓް
- ގދ. ތިނަދޫ-ކާޑެއްދޫ ލިންކް ޕްރޮކްޓް
- އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް ޕްރޮޖެކްޓް
- އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓް
- ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓް
- ވެލާނާ އިންޓަނޭޝަނަލް އެއްޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް
- އިތުރު 15 އެއާޕޯޓް ހެދުން
- އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް
- މަގުތައް ހެދުން ފަދަ ޕްރޮޖެކްޓްތައް
ޗައިނާ ފާހަގަވެގެން ގޮސްފައިވަނީ ރާއްޖެ އަދި އެހެން ގައުމުތަކެއް ތަރައްގީ ކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ގައުމެއްގެ ގޮތުގައި އެވެ.
ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވެރިކަން ކުރާ ފޫޖޯ ސިޓީގައި މިއަދު ހެނދުނު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ދިގު ތާރީހެއް އޮތް ގުޅުމެއް ކަމަށާއި، 1972 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކޮށްފައިވާ ޗައިނާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިއެއް އަދި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ގައުމެއް ކަމަށް ތާރީހު ހެކިވާ މުހިންމު އިންފްރާސްޓްރަކްޗާ ތައް ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮމާޝަލް ބަންދަރުގެ މަޝްރޫއު އާއި ދާދި ފަހުން އިއުލާން ކުރެއްވެވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަކީ މި ސަރުކާރުން ހާއްސަ ކަމެއް ދީގެން ހިންގަން ބޭނުންވާ މަޝްރޫއުތަކެއް ކަމަށެވެ. ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވްގެ އޮނިގަނޑުގެ ދަށުން މި މަޝްރޫއުތައް ހިންގަން ރާއްޖެ އިން ބޭނުންވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފައިވާއިރު އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ޤައުމުގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެންނެވެ.
އިންވެސްޓަ ފޯރަމްގެ ޕެނަލްގައި ވާހަކަ ދައްކަވަމުން ކޮންޝްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުﷲ މުއްތަލިބު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު، އާ ސަރަހައްދެއްގައި ތަރައްގީ ކުރުމަކީ ވަރަށް އަވަހަށް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އިންވެސްޓަ ފޯރަމްގައި ދެ ސަރުކާރުގެ އޮފިޝަލުންގެ މެދުގަ އާއި ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ވަކިވަކި ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.