އެ އިދާރާގެ ސައިންސްވެރިން ހާމަކޮށްފައިވާ ވަނީ 2023 އަކީ ފާއިތުވި 100000 އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވި އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ބެލެވޭ ކަމުގަ އެވެ.
މިދިޔަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހޫނުގަދަވުމުގެ ސަބަބުން މޫސުމީ ބޮޑެތި ކާރިސާތައް ވެސް ހިނގި އެވެ. އޭގެ ތެރޭގައި ޗައިނާ އާއި ވިލާތުގެ ގައުމުތަކަށް ކުރިމަތިވި ހޫނުގެ ތޫފާންތަކާއި ލީބިޔާ އަށް ކުރިމަތިވި ފެންބޮޑުވުމާ އަދި ކެނެޑާގެ ޖަންގަލިތަކުގައި ރޯވުން ހިމެނެ އެވެ.
2022 ވަނަ އަހަރުގެ ކޮންމެ މަހެއްގައި އެވްރެޖް ފިިނިހޫނުމިން ރެކޯޑު ކުރެވިފައިވާ މިންވަރާ އަޅައިބަލާއިރު، 2023 ވަނަ އަހަރުގެ ޖޫން މަހަށް ފަހު ފާއިތުވި ކޮންމެ މަހެއްގައި ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލުލެމުން ދިޔުމާއި ގުޅިގެން 2023 ވަނަ އަހަރަކީ އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ރެކޯޑު ކުރެވޭނެ ކުރިންވެސް އަންދާޒާކުރެވިފައިވެ އެވެ.
ވިލާތުގެ އިއްތިހާދުގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާގެ ޑިރެކްޓަރ ކާލޯ ބުއޮންޓެމްޕޯ ވިދާޅުވީ، ފާއިތުވި އަހަރަކީ މޫސުމީ ގޮތުން ބަލާއިރު ވަރަށް ތަފާތު އަހަރެއް ކަމަށާއި އަދި ދުނިޔެއަށް ކުރިމަތިވި ހޫނު ގަދަ އެހެން އަހަރުތަކާ އަޅައިބަލާއިރު، މުޅިން އެހެން މިންގަނޑެއްގައި ފާހަގަ ކޮށްލަން ޖެހޭ އަހަރެއް ކަމަށެވެ.
މީގެ އިތުރުން ބުއޮންޓެމްޕޯ ވިދާޅުވެފައިވަނީ 1850 ވަނަ އަހަރުގައި ދުނިޔޭގެ ފިނި ހޫނުމިނުގެ ރެކޯޑް ބަލަހައްޓަން ފަށާފައިވީ ނަމަވެސް އޭގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރިނެތްގޮތް އަންދާޒާ ކުރާ މިންގަނޑުތަކުން ބަލާއިރު، 2023 ވަނަ އަހަރަކީ ފާއިތުވި 100000 އެއްހާ އަހަރުގެ ތެރޭގައި ވެސް ދުނިޔެއަށް ކުރިމަތިވި އެންމެ ހޫނު ގަދަ އަހަރު ކަމަށް ބެލެވޭ ކަމުގައެވެ.
1850އާއި 1900ގެ އަހަރުތަކުގައި ފިނިހޫނުމިން ރެކޯޑު ކުރެވިފައިވާ މިންވަރާ އަޅައިބަލާއިރު، 2023 ގައި ދުނިޔޭގެ ފިނިހޫނުމިން 1.48 ޑިގްރީ ސެލްސިއެސްއަށް އުފުލިފައިވާ ކަމުގައި ވިލާތުގެ އިއްތިހާދުގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން ބުނެ އެވެ.
2023 ވަނަ އަހަރު ރެކޯޑު މިންވަރަކަށް ފިނިހޫނުމިން އުފުލިފައި ވަނީ އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުންނެއް ނޫނެވެ. ގުދުރަތީ މޫސުމީ ފެނޯމެނާއެއް ކަމުގައިވާ އެލް ނީނޯ ގެ ސަބަބުންވެސް ފިނިހޫނުމިން ރެކޯޑް މިންވަރަކަށް އުފުލެއެވެ.
ދުނިޔެއަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ފިނިހޫނުމިނަށް ބަދަލު އާދެއެވެ. މިހެންވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ދުނިޔެއަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކުރަމުންނެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އުފުލުގެ ފުރުސަތު ނުދިނުމަށް 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް މުއާހަދާގެ ދަށުން ގައުމުތަކުން އެއްބަސްވި އެވެ. ނަމަވެސް، އެ މިންވަރާ ވަރަށް ގާތަށް ދުނިޔޭގެ ފިނިހޫނުމިން މިހާރު މި ވަނީ އުފުލިފަ އެވެ.