އެ ޖަމިއްޔާއިން ނެރުން ނޫސް ބަޔާނެއްގައިވާ ގޮތުން ވިލިމާލޭގެ މަގުތަށް ހުރީ ރަނގަޅު ފެންވަރުގައި ހެދިފައި ނަމަވެސް މަރާމާތު ނުކުރާތާ ގިނަ ޒަމާންތަކެއް ވެފައިވުމުން މަގުތަކުގެ ފެންވަރު ދަށްވެ މަގުތަކުގައި އަޑިގުޑަން ހެދިފައިވާކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނައް ގިނަ ދަތިތަކާއި ކުރިމަތި ލާން ޖެހިފައިވަކަމުގަ އެވެ.
އެ ނޫސް ބަޔާނުގައި އިތުރަށް ވާ ގޮތުގައި އެކަން ހައްލުކުރުމަށް މަގުތައް ވަކިވަކިން މަރާމާތުކޮށް، ޕޭމަންޓާއި މަގާއި އެއްވަރުކޮށް، ހަލާކުވެފައިވާ ކާނުތައް ނަގާ އެ ތަންތަން ސާފު ކުރުމަކީ މަގުތައް ރަނގަޅުގޮތުގައި ބެލެހެއްޓުމަށް ކުރަންޖެހޭ ކަމެއް ކަމުގައެވެ. މީގެ އިތުރުން ޕޭމަންޓަށް ގަސްގަހުގެ މޫ އަރާ އުފުލިފައި ހުންނަ ތަންތަން ރަނގަޅުކުރަމަށްޓަކާއި ގަސްތައް ކަނޑާލުމުގެ ބަދަލުގައި ތަރައްގީވެފައިވާ އެހެން ގައުމުތަކުން ކަންކަން ކުރާގޮތް ބަލާ އެގޮތަށް އެކަން ކޮށްގެން ގަސްތައް ހިމާޔާތް ކުރުމަށް އެ ޖަމީޔާތަކުން އެދިފައިވެ އެވެ.
މިއަހަރު ފެށިގެން ދިޔަ އިރު މާލޭ އަދި ހުޅުމާލޭގައި ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމުގެ މައްސަލަ ދިމާވިނަމަވެސް ވިލިމާލެއަށް މިފަދަ މައްސަލައެއް ދިމާވެފައި ނުވާކަމަށައި މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށް ގުދުރަތީ ވިލުންވެރިކަމުން ލިބޭ ރައްކާތެރިކަމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި ވިލިމާލޭ އަކީ ވަރަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްގީކުރެވިފައިވާ ސިޓީއެއްކަމަށްވެސް އެ ނޫސް ބަޔާނުގައިވެ އެވެ.
ޖަމީއްޔާއިން އިތުރަށް ބުނިގޮތުގައި ވިލިމާލެ އަދި އެހެން ކުދި ރަށްރަށުގައި ހުރި ކުދި ބިންކޮޅުތައް އުސްކޮށް އިމާރާތްކުރަން ހުއްދަ ދިނުމަކީ އުޅެން ފަސޭހަ ދިރިއުޅެމެއް އުޅުމަށް ސީދާ ގޮތުން އަސަރުކުރާނެ ކަމެއް ކަމަށާއި މިފަދަ ގޮތަކަށް މިކަން ކޮށްފިނަމަ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ވިލިމާލެއަށް ދިމާވުމަކީ ގާތް ކަމެއްކަމުގައެވެ. މިކަމުގެ ސަބަބުން ރަށުގެ ވެއްޓަށާއި އިޖްތިމާއީ ދުޅަހެޔޮކަމަށްވެސް ނުރަނގަޅު އަސަރެއް ކޮށްފާނެކަމަށް އެ ނޫސް ބަޔާނުގައިވެއެވެ. މާލޭ ސިޓީގައި އޮތް ހަމައެކަނި ލިވަބަލް ސިޓީ އަކީ ވިލިމާލޭ ކަމުން އެކަން އެގޮތަށް ބޭވުން ވަރަށް މުހިންމު ކަމަށް އެ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ.
ވިލިމާލޭ ރައްޔިތުން އެދެނީ ވޭދަވެދިޔަ ތަނުގައިވެސް ވިލިމާލޭގެ "އިކޯ ފްރެންޑްލީ އައިލެޑް" ދެމެހެއްޓުމަށް އިސްކަންދީ ކުރިޔަށް އޮތްތަނުގައިވެސް ވިލިމާލެ ތަރައްގީކޮށްދިނުމަށް ކަމަށް އެ ނޫސް ބަޔާނުގައިވެއެވެ. އަދި މީގެ އިތުރުން ވިލިމާލޭ މިހާރު ގާއިމުކޮށްފައިވާ އަދި ދެމުން އަންނަ ހިދުމަތްތައް ތަރައްގީ ކުރާ އިރުވެސް ވިލިމާލޭގެ "އިކޯ ފްރެންޑްލީ އައިލެޑް" އަސްލަށް ބުރޫނާރާ ފަދަ ގޮތަކަށް މިކަން ކުރަން ކަމަށް އެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސާވޭކުރުމަށާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް 1.79 މިލިޔަން ރުފިޔާ އަށް ހައުސިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ. މިމަސައްކަތް އާރުޑީސީއާ ހަވާލުކުރެވުނީ ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް މިމަހު 4 ވަނަ ދުވަހުގަ އެވެ.