ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ލޯނެއްގެ ގޮތުގައި 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ބޭނުންވާކަމަށާއި މިކަން މިގޮތަށް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާކަމަށް އެ މިނިސްޓްރީން ކުރި އިއުލާނުގައި ވެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ އެ ދަރަނި ސަރުކާރަށް ދޭނޭ މާލީ އެޖެންސީއެއް ހޯދަން އިއުލާން ކުރީ މި އަހަރު ބަޖެޓަށް ފައިސާ ހޯދަން ރާވާފައިވާ ސިޔާސަތުގެ ދަށުން ކަމުގަ އެވެ. މި ފައިސާ ހޯދަނީ ދައުލަތުގެ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ 60 ޕަސެންޓް ފައިސާ އެވެ.
އެ ގޮތުން އެ ފައިސާ ހޯދަނީ ލޯނެއް ނުވަތަ ޓީބީލެއްގެ ގޮތަށް ކަމަށާއި ސަރުކާރަށް ލޯނު ދޭނޭ ބަޔަކު ހޯދަން އިއުލާން ކުރީ ސަރުކާރުން ދަރަނި ނަގާ އުސޫލުތައް މިހާރަށް ވުރެ ދެ ފުއް ފެންނަ ގޮތެއްގައި ކުރިއަށް ގެންދަންކަމަށާއި މުޅި އަހަރު ތެރޭ ލިބޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ ހާއްސަ ކޮމިޓީއަކުން ކަމަށް ވެސް އެއިލާނުގައިވެއެވެ. ނަގާ ދަރަނީގެ މައުލޫމާތު އާންމު ކުރާނޭ ކަމަށް ވެސް އެ އިލާނުގައި ވެއެވެ.
އިއުލާންކޮށްގެން ހޯދާ 8.5 ބިލިއަން ރުފިޔާގެ ލޯނު ބޭނުން ކުރާނީ ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު ތަރައްގީގެ މަޝްރޫއުތައް ހިންގުމަކަމަށް އެ މިނިސްޓްރީން ކުރި އިއުލާނުގައިވެ އެވެ.
މިކަމަށް ސައުގުވެރިވާ ފަރާތްތަކަކީ މިދިޔަ ފަސް އަހަރު ތެރޭ މާލީ ދާއިރާގައި ހަރަކާތްތެެރިވެފައިވާ ފަރާތްތަކަށް ވާން ޖެހޭކަމަށާއި ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތަކަށްވެސް ވާންޖެހޭނެ ކަމަށް މި އިއުލާނުގައި ބުނެފައިވެ އެވެ.
މިއަހަރުގެ ބަޖެޓެއްގެ ގޮތުގައި މަޖިލީހުން ވަނީ 49.8 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވާއިރު، އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި ދައުލަތުގެ ރިޒާވް ދަށްވާ މައިގަނޑު ސަބަބަކީ ތެލާއި ބޭހަށް ކުރާ ހަރަދު ކުރިއާ އަޅާބަލާއިރު މާބޮޑަށްވެސް މައްޗަށް ދިއުމެވެ.
ޔޫޒަބަލް ރިޒާވްގައި ތާށި ކަމެއް އުޅޭތީ އެމްއެމްއޭ އިން އާންމުކޮށް ޑޮލަރު ވިއްކަނީ ރާއްޖޭގައި ހިންގާ ބޭންކްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތެލާއި ކާޑާއި ބޭސް ގަތުމަށެވެ.
ރާއްޖޭގެ ރިޒާވް މަތިކުރުމަށްޓަކައި ހަރަދުކުޑަކުރުމަށާއި އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.