ads
އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ބޮން އަޅަނީ
އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ބޮން އަޅަން ފަށައިފި
ރަތްކަނޑުން އިސްރާއީލުގެ ރަށްތަކަށް ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް، ހޫތީން ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ އަދި އިނގިރޭސި އަސްކަރިއްޔާއިން އިސްވެ ހަމަލާދޭން ފަށައިފި އެވެ.
Advertisement

ހޫތީން ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް ދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އެވެ. 

ހޫތީ ހަނގުރާމަވެރިން ހަމަލާތައް އަމާޒުކުރަނީ އިޒްރޭލު ނުވަތަ އިޒްރޭލާ ގުޅުން އޮންނަ ގައުމުތަކުގެ އުޅަނދުތަކަށެވެ.

ވައިޓް ހައުސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމެރިކާ އާއި ގުޅިފައިވާ ގައުމުތަކުން ހަމަލާދިނީ ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރަމުން އަންނަ، ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ހަމަލާތަކަކީ ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ހޫތީން ދެމުންދާ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެެވެ.

ޔަމަނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައިވާކަން ހޫތީން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ހޫތީންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައި ވާގޮތުގައި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔަމަނުގެ ވެރިކަން ކުރާ، ސަންނާއަށާއި ސާދާ އަދި ދަމަރުގެ އިތުރުން ހުދެއިދާއަށެވެ. އޭގެތެރޭގައި ޔަމަނުގެ އެންމެ ބޮޑު ބަނދަރު ވެސް ހިމެނެ އެވެ.

އެ ހަމަލާތައް ހޫތީން ސިފަކޮށްފައި ވަނީ އެމެރިކާ-ސިހުޔޫނީ-އިނގިރޭސި ހަރުކަށި ފިކުރުގައި ހިންގި ޖަރީމާއެއް ކަމަށެވެ.

ހޫތީންނަށް ހަމަލާ ދިނުމަށް ރަތް ކަނޑުގައި ޙަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯޓުތަކާއި ކަނޑުގެ ސިފައިންގެ ސަބްމެރިންތައް ބައިވެރިވެފައިވެއެވެ. އެ ގޮތުން ޔަމަނުގެ 60 އަމާޒަކަށް އެމެރިކާއިން 100 އަށްވުރެ ގިނަ ޙަމަލާ ދީފައިވެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން މިފަދަ ހަމަލާތަކެއް ދޭން ފަށާފައިމިވަނީ ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހޫތީ ހަނގުރާމަވެރިން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ގޮވާލާ އެ ގޮވާލުންތަކަށް ހޫތީން ވަނީ ބީރުކަންފަތެއް ދީފަ އެވެ.

ޔަމަނުގެ ވެރި ރަށް، ސައްނާއާއި އެގައުމުގެ އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ ހޫތީން ކަމަށްވާއިރު ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަކީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ. ނަމަވެސް އީރާނުން އަންނަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ. 

ލުބުނާނުގެ ޓީވީ ޗެނަލް، އަލް މަޔާދީންއަށް ހޫތީންގެ ޑެޕިއުޓީ ހާރިޖީ ވަޒީރު، ހުސެއިން އަލް އިއްޒީ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެމެރިކާއާއި އިނގިރޭސިވިލާތުން ދިން ހަމަލާގެ ބަދަލަށް އެ ގައުމުތަކުން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށާއި މިހަމަލާތަކުގެ ސަބަބުން ދެން ކުރިމަތިލާންޖެހޭނީ ވަރަށް ބޮޑެތި ގެއްލުންތަކާ ކަމަށެވެ. 

އެމެރިކާ/އިނގިރޭސި އަސްކަރީ ސިފައިން އިސްވެ ޔަމަނަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެ އެވެ. 

އަދި ހޫތީން ރަތްކަނޑުގައި ދޭ ހަމަލާތައް ވަރުގަދަކޮށް އިތުރުކުރަމުން ދާތީ ޝިޕިން ކުންފުނިތަކުން އެ ކަނޑުގެ ސަރަހައްދާ ދުރުން، ދިގު މަގުތަކުން ދާން ޖެހުމުން މުދާ އުފުލުމުގެ ހަރަދު ދަނީ ބޮޑުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް