މި ދަތުރުފުޅު ގައި ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނާ އިންސްޕެކްޓް ކޮށްދެއްވި އެވެ. މިއީ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަން ލީއުޔަން މި ހަފްތާގެ ބުދަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބޭއްވެވި އެވެ.
މި ދަތުރުފުޅުގައި ހިމެނިގެން ދެ ރައީސުން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވި އެވެ.
މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ޗައިނާގެ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަގާފީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެ އެވެ.
އަދި އިންވެސްޓް މޯލްޑިވްސް ފޯރަމް ވަނީ ބާއްވާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ އެ ގައުމުގެ ވެރިރަށް ބެއިޖިން ގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.
ރައީސްގެ ޗައިނާ ދަތުރުފުޅު ގައި ސަރުކާރުގެ މަތީފަންތީ ގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.