ads
"ޗައިނާ ފަތުރުވެރިންގެ އަދަދު %40 އިތުރުވާނެ ކަމުގެ އުއްމީދު އެބައޮތް"
ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު މި އަހަރު 40 އިންސައްތަ އިތުުރުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ފާތިމަތު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ޗައިނާ މާކެޓް އޮތް ވަރަށް މި އަހަރު އަދަދު އިތުރު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އުންމީދު ކުރަނީ ޕެންޑެމިކްގެ ކުރިން އޮތް ހާލަތަށް ގެނެވި، ޗައިނާ ފަތުރުވެރިންގެ އަދަދު މި އަހަރު 40 ޕަސެންޓް އިތުރުވާނެ ކަމަށް" ފާތިމަތު ވިދާޅުވި އެވެ.

މީގެއިތުރުން، ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓްގެ ގޮތުގައި ދެމިއޮތް ގައުމު ކަމަށާއި، ބޯޑަރުތައް ބަންދު ކުރުމުގެ ކުރިންނާއި ފަހުން ވެސް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ފާތިމަތު ވިދާޅުވި އެވެ.

ފާތިމަތު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދު ސީދާ ދަތުރުތައް އިތުރު ކުރުމުގެ މަޝްވަރާތައް ކުރެވުމުން ދޭހަވަނީ ރާއްޖެއިން ޗައިނާ ފަތުރުވެރިންނަށް މުހިއްމުކަން ދޭ މިންވަރު ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ޗައިނާ އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ. އޭގެފަހުން ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަލުން ޒިޔާރަތް ކުރަން ފަށައި، މިހާރު އެ ގައުމު އޮތީ ތިން ވަނަ މާކެޓްގެ ގޮތުގައެވެ.

މި ހިނގާ 2024 ވަނަ އަހަރު ރާއްޖެއަށް 2.01 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް މަޓާޓޯ އިން ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ނުވަ ވަނަ ދުަވަހާއި ހަމައަށް 50،983 ފަތުރުވެރިން އައިސްފައި ވެއެވެ. 

މިއީ މިދިޔަ އަހަަރާއި އަދި އޭގެ ކުރީ އަހަރާ އަޅާކިޔާއިރު، އިތުރު ވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 47،731 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރު 43،079 ފަތުރުވެރިން އައިސްފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް 5،600 އަށްވުރެ ފަތުރުވެރިން ރާއްޖެ އަންނަމުން ދެއެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.

ވޭތުވީ ތިން އަހަރު، މިދިޔަ އަހަރު ވެސް ހިމެނޭހެން، އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. ޗައިނާއަކީ މިދިޔަ އަހަރު ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައި ގައުމެވެ. 

މިއަހަރުގެ ފުރަތަމަ 9 ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެގޮތުން އެ ގައުމުން މިހާތަނަށް 7،601 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިޔާއަކީ މިދިޔަ އަހަރު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް